މި އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން އެކަން ހާމަ ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަށް ސިޓީގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިފްކޯއިން ވިދާޅުވީ މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށެވެ. އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަށް ސިޓީން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ފުވައްމުލަށް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް ވެސް ފަރްހަތު ވިދާޅުވެފައިވާ ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ފުވައްމުލަކުގައި ގާއިމް ކުރަ މަސް ޕްރޮސެސް ކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުމެވެ. އޭގެ ނަތީޖާއަކީ މަހަށް ލިބެންވާ ހަމަ އަގު ނުލިބުމެވެ.
މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށްޓަކައި މަސް ޕްރޮސެސްކުރާ ތިން ކާރުހާނާއެއް ތަރައްގީކުރުމަށް ނިންމާ އެތަންތަނުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޚިޔާލުތައް