A wide advertisement which will be shown on all devices. (700 x 100)

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރާ މަނަވަރު، ޤައުމީ ދިފާޢީ ބާރާ ހަވާލުކުރައްވައިފި

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރާ މަނަވަރު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ރޭ ހަވާލުކުރައްވައިފިއެވެ.

މި މަނަވަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ހަވާލުކުރައްވާފައިވަނީ އެކަމަށް ޓަކައި ރޭ ހުޅުމާލޭ އެމްޕީއެލް ޕޯޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގެންނެވުމުން، ދިވެހި ސިފައިން ވަނީ ޝަރަފުގާޑެއް އަރުވާފައެވެ. އަދި ރަސްމިއްޔާތުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންގެ ހާޟިރުގައި، ތުރުކީވިލާތުގެ ފަރާތުން މި މަނަވަރު ދިވެހިރާއްޖެއަށް ހަދިޔާކުރެއްވިކަމުގެ ފިލާ ހަވާލުކޮށްދެއްްވީ ތުރުކީއޭގެ ނޭވީ ފްލީޓް ކޮމާންޑަރ، އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. އަދި، ދިވެހިރާއްޖޭގެ ފަރާތުން އެ ފިލައާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި، މި މަނަވަރު ދިވެހިރާއްޖެއަށް ހަދިޔާކުރައްވާފައިވާތީ، ދިވެހި ސަރުކާރުގެ ފަރާތުން ތުރުކީ ސަރުކާރަށް ދެވޭ ޝުކުރުގެ ލިޔުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، ތުރުކީއޭގެ ނޭވީ ފްލީޓް ކޮމާންޑަރ، އެޑްމިރަލް ކާދިރް ޔިލްޑްޒްއާ ހަވާލުކޮށްދެއްވާފައެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މި މަނަވަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ދިފާޢުކޮށް ބެލެހެއްޓުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ފެއްޓެވި އަގުހުރި ޤައުމީ މަސައްކަތްޕުޅުގެ ތެރެއިން ތުރުކީވިލާތުން ހަދިޔާކުރެއްވި މަނަވަރެކެވެ.

މި ތާރީޚީ ރަސްމިއްޔާތަށް ފަހު، ތުރުކީވިލާތުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި ކަމިޝަންކުރައްވައި “ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ”ގެ ނަމުގައި ވަނީ ޚިދުމަތަށް ނެރުއްވާފައެވެ. މި މަނަވަރަކީ، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެވެ. މި މަނަވަރަށް ދެވިފައިވާ “ދަރުމަވަންތަ” ނަން ނިސްބަތްވަނީ ޖަހާލަތާއި ޝިރުކުގެ އަނދިރިކަމުގެ ތެރޭގައި ދިވެހީން ވަނިކޮށް، ދެ ދުނިޔޭގެ ސަލާމަތާއި، އަމާންކަމާއި ރައްކާތެރިކަމުގެ ދީން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީން، މި ލޮބުވެތި ދިވެހި ދައުލަތުގެ ދީނެއްގެ ގޮތުގައި ކަނޑައެޅުއްވި އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ސިރީ ތިރިބުވަނަ އާދީއްތަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށެވެ.

ރޭގެ ރަސްމިއްޔާތުގައި، ދައުލަތުން ޢިއްޒަތް އަރުއްވާފައި ތިއްބެވި ޢިއްޒަތްތެރިންނާއި، ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ތުރުކީވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހީޒް އެކްސެލެންސީ ސެމީ ލުޓްފު ޓުރްގުޓްއާއި، ދިވެހިރާއްޖެއިން ތުރުކީވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު، ލެފްޓިނެންޓް ޖެނަރަލް ރިޓަޔަރޑް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ތުރުކިޔޭ ނޭވީގެ ރެއަރ އެޑްމިރަލް ރުޝްތު ޝެޒާރގެ އިތުރުން، ސިފައިންގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ޝަރަފުވެރިންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި،  ސިފައިންގެ އިސް ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !