ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް އާއި ދަރިކަލުންނާއި ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްކެވި ވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށް ޔާމީންއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުުމުގެ މަސައްކަތް ފަށައިފިއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، ގާސިމް އާއި ދަރިފުޅު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށެވެ. އަދި ގާސިމް ޖަލަށްލި ވާހަކަ ދައްކަވަމުން ޔާމީނު ވަނީ ދޮގު ތުހުމަތުތަކެއް ކުރައްވާފައެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޔާމީން ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކާއި ގުޅިގެން ޔާމީންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓުގައި ފަސް މިލިއަން ޑޮލަރު ހުންނެވި ކަމަށް ފާޅުގައި ބުނަމުން ދިއުމާއި އެ ފައިސާއަކީ ބޭރުގެ އެކިއެކި ފަރާތްތަކުން ޔާމީންއަށް ދިން ފައިސާ ކަމަށް ބުނަމުންދާތީ އެވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ ހިތުގައި ގިނަ ސުވާލު އުފެދިގެންދާ ކަމަށް އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ޔާމީން ދައްކާފައިވާ އަސާސެއް ނެތް ވާހަކަތަކާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ވިދާޅުވެފައެވެ.
ޔާމީން ދިން އިންޓަވިއުގައި ޔާމީން ވަނީ ކުރީގެ ރައީސުންނަށް ވެސް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުއާ ދެކޮޅަށް ދެއްކެވި ވާހަކަ ކުށްވެރިކޮށް ޔާމީނުއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މައުމޫން އޮފީހުން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.
ޚިޔާލުތައް