މި ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުންކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޒަކާތު ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތުގެ ބިލު ޤާނޫނަކަށް ވެގެން ދިއުމުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެކަމަށާއި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ޒަމާނާއި އެއްވަރުގެ ޒަކާތުގެ ނިޒާމެއް ޤާއިމްކުރެވިގެންދިއުން ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިރޭ ހަވާލުކުރެވިގެންދިޔަ ސްކޮލަރޝިޕާއި ޚާއްސަ ސްކޮރލަޝިޕް އިސްލާމީ ދާއިރާތަކަށް ޚާއްސަ ކުރުމަށް ނިންމާފައިވަނީ ރައީސްގެ ލަފާއާއެކު ކަމަށާއި އެއީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި ސްކޮލަރޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ޤައުމަށް ފައިދާކުރާނެކަން ޔަޤީން ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޒަމާނުންސުރެ ރާއްޖޭގައި އޮތީ ވަރަށް ހަރުދަނާ ޒަކާތުގެ ނިޒާމެއްކަމަށާއި، ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް މިވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވުމަކީ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް އައިސްފައިވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، 7 އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ މިދެވުނު ފުރުސަތުތަކަކީ ޤައުމާއި އިސްލާމީ ޙަޟާރަތު އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ފުރުސަތެއްކަމަށާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލައްވާކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދެއްކެވުމަށާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެލެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ޒަކާތާއި ގުޅޭ ޤާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެއްކަމަށާއި، ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ޤާއިމުކުރުމުގެ މަޤުޞަދުގައި އެކުލަވައިލި ޒަކާތާއި ބެހޭ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާކަމަށާއި ޒަކާތުގެ ޤާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ޤާނޫނީ އިމުގެ ތެރެއަށް ވެއްދޭނެކަމަށާއި މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެކަމުގައި ދެކޭކަމަށެވެ.
މިހާރު މަހިލީހަށް ހުށައަޅާފައިވާ ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށާއި ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތަށް ނަމޫނާއަކަށް ބަލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މެލޭޝިޔާއާއި ކުވައިތު ޔޫއޭއީ މިޞްރު ޤައުމުތަކުގައި ވެސް ޒަކާތުގެ ކަންކަން ހިނގަމުންދަނީ ޤާނޫނު ތެރެއިންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ބިލް ފާސްވެ ޤާނޫނަކަށް ވެގެންދިއުމުން ދަޢުލަތަށް ފަސޭހަވެގެންދާނެކަމަށާއި ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށާއި އެގޮތުގެ މަތިން އިންވެސްޓްކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެއާއެކު ޒަކާތު ފަންޑު ޒަމާނާއި ޙާލަތާއި ޙާޖަތާއި އެއްވަރަށް ތަރައްޤީ ވެގެންދާނެކަމަށާއި ރާއްޖެއިން ފަޤީރުކަން ނައްތާލެވި އިޖްތިމާޢީ ތަނަވަސްކަން ގެނެސްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޒަކާތުގެ ޤާނޫނެއް ވުޖޫދުކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިެމެނޭކަމެއްކަމަށާއި މިކަންކަމަށް ރައީސް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުތަކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް އުފައްދަވާ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާއްމުންނަށް ޒަކާތާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ މަތިން ފައިސާ ލިބިގެންދިޔަ އަހަރުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ޚިޔާލުތައް