އެޗްއާރުސީއެމްގެ މެމްބަރު ކަމަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މީގެ ފަސް ދުވަސް ކުރިންނެވެ. އެގޮތުން އެޗްއާރްސީއެމްގެ ދެ މެމްބަރުންގެ ދައުރު ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް އާ މެމްބަރުން އައްޔަންކުރުމަށް ބޭނުންވާ ކަން ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައިވެއެވެ.
އެޗްއާރްސީއެމްއަށް ރައީސް ފޮނުއްވާފައިވާ ދެ ނަމަކީ ފާރިޝް ތޯހާ، ހ. ސޯސަން އާއި މުހައްމަދު ޝަފީގް މަހްމޫދް، މ. ޕޮޕީ އެވެ. އެ ނަންތައް ދިރާސާ ކުރި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިހަށް ހުށަހަޅައިފައެވެ.
ޝަފީގުގެ ނަން މަޖިލިހުން ފާސްވީ 63 މެމްބަރުންގެ ވޯޓުންނެވެ. ޝަފީގުގެ ނަން ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓް ނުދެއްވައެވެ.
ރިޕޯޓް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދެވެ. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި އިންޓަވިއުއިން މުހައްމަދު ޝަފީގް މަހްމޫދަށް 83 މާކްސް ވަނީ ލިބިވަޑައިގެންފައެވެ. އަދި އިންޓަވިއުއިން ފާރިޝް ތޯހާއަށް ލިބުނީ 53 މާކްސްއެވެ.
ޚިޔާލުތައް