A wide advertisement which will be shown on all devices. (700 x 100)

ޒަކާތުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ޒަކާތާ ގުޅޭ ގާނޫނެއް އެކުލަވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޒަކާތުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި އެ ބިލު، މަޖިލީހުން މި މަހު 13 ވަނަ ދުވަހު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ކޮމިޓީން ވަނީ ބިލަށް މީރާ، އިސްލާމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ހިޔާލު ހޯދުމަށް ވެސް ފޮނުވަން ނިންމާފައެވެ. މި ބިލުގެ ދިރާސާ ނިންމައި އަންނަ އޮކްޓޯބަރު 20 ގައި މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓާއެކު ފޮނުވަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ޒަކާތުގެ ބިލުގެ މަގްސަދަކީ ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގުން ކަމަށް ބިލުގައި ވެއެވެ. އެ ގާނޫނު ހިނގާނީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ރާއްޖޭގައި މުދާ ހުރި ކޮންމެ ފަރާތެއްގެ މައްޗަށެވެ. ގާނޫނުގެ ދަށުން ނެގުމަށް ހަމަޖެހިފައިވަނީ މުދަލު ޒަކާތާއި ފިތުރު ޒަކާތެވެ.

ބިލުގައިވާ ގޮތުން ޒަކާތު ނިޒާމު ހިންގައި ބެލެހެއްޓުމަށް، ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ “ޒަކާތު ކައުންސިލެއް” އެކުލަވައިލައްވާނެއެވެ. ބިލުގައި ވަނީ، އެ ކައުންސިލުގެ ރިޔާސަތު ބަލައްޓަވާނީ މިނިސްޓަރު ކަމަށާއި މިނިސްޓަރާއި ޑިރެކްޓަރު ޖެނެރަލް ފިޔަވައި، އެ ކައުންސިލުގައި ދެން ހިމެނޭ މެންބަރުންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އެ މެންބަރުންގެ ޝަރުތުތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު “މޯލްޑިވްސް ޒަކާތު ހައުސް”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އިސްލާމިކް މިނިސްޓްރީގެ ދަށުން އުފެދޭނެއެވެ. މިހާރު ހިންގަމުންދާ ޒަކާތު ހައުސްގެ ހުރިހާ ވާޖިބުތަކާއި މުދަލާއި ވަސީލަތްތައް އަލަށް އުފެދޭ ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ. ޒަކާތް ނެގުމާ ބެހުމާ ގުޅޭ ހުރިހާ އިދާރީ ކަންކަން ރާވައި ހިންގުމަކީ އަލަށް އުފެދޭ ޒަކާތު ހައުސްގެ ޒިންމާއެކެވެ. ރަށްރަށުން ޒަކާތުގެ މަސައްކަތްތައް ކުރުމަށް ލޯކަލް ކައުންސިލުތަކާ ހަވާލުކުރެވިދާނެ ކަމަށް ވެސް ބިލުގައި ވެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޒަކާތު ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަަށް ބޭއްވި ރަސްމިިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖޭގައި ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑު ކަމަށާއި ޒަކާތާއި ބެހޭ ބިލު ގާނޫނަކަށް ވެގެން ދިއުމުން، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އެ ގާނޫނު އުފެދުމާއެކު “ޒަކާތު ފަންޑު”ގެ ނަމުގައި ފަންޑެއް އުފެދޭނެ ކަމަށާއި، މިހާރު ހިންގަމުން އަންނަ ޒަކާތު ފަންޑުގެ ހުރިހާ ފައިސާއެއް އަލަށް އުފެދޭ ފަންޑަށް ބަދަލުވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !