މާލެ ސަރަހައްދަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކުރުމުގެ އަމާޒުގައި ތަރައްގީކުރާ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމަށް އިތުރު ޑްރެޖަރެއް ގެނެސް މި ހަފްތާގެ ތެރޭގައި ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
އެޗްޑީސީން މިއަދު ވަނީ ރަސްމާލޭގެ މަސައްކަތް ދާ ގޮތް ނޫސްވެރިންނަށް ދައްކާލައިފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް އައިއިރު ވަނީ 129 ހެކްޓަރުގެ ބިން ހިއްކައިފައެވެ. މިއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިމާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި ސިޓީއެއް ތަރައްގީ ކުރާއިރު، މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެކަމަކު، މިހާތަނަށް އައިއިރު ހިއްކުނީ މަޝްރޫއުގެ %12.84 ބިމެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާތަނަށް އައިއިރު، ކުރީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހު ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައެވެ. އެޗްޑީސީން ވިދާޅުވީ ބިން ހިއްކަން ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށް ބަންޑް ވޯލް ޖަހަމުންދާ ކަމަށެވެ.
އެ ކުންފުނިން ވިދާޅުވި ގޮތުގައި ބިން ހިއްކާ ޑްރެޖަރު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ކަސްޓަމްސް ކްލިއާ ކުރުމުގެ މަރުހަލާ ނިމި، މި ހަފްތާގެ ތެރޭގައި އެ ބޯޓު ރަސްމާލެ ސަރަހައްދަށް ގޮސް ބިން ހިއްކަން ފަށާނެ ކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.
އެ ކުންފުނިން ރަސްމާލެ ސައިޓް “ސ” އަދި “އީ” އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އިންޑިއާގެ މޯހަން މުތާ އިން ވަނީ 100 ހެކްޓަރުގެ ބިން ހިއްކައިފައެވެ. ކެޕިޓަލް މެރިން ކުންފުނިން 29 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރަސްމާލެ މަޝްރޫއު ފުރިހަމަ ކުރުމެވެ. އެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށް ދަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ. ސަރުކާރުގެ އަދި އެޗްޑީސީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކައި ނިންމާލުމެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ރަސްމާލޭގައި 26،000 ފްލެޓާއި 11،000 ގޯތި ދިނުމަށް ޕްލޭންގައި ހިމެނޭއިރު، ރަސްމާލެ ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ. މި ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށެވެ. އެގޮތުން މިތަން ތަރައްގީ ކުރަމުން ގެންދަނީ “ސޭފް އައިލެންޑް”އެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގައެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމަށް 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީއެއް އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓު އުނިކޮށް، އެ ފައިސާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބަހާލައިފައެވެ. އެހެންވެ، މިދިޔަ އަހަރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ.
ރަސްމާލޭގައި ފްލެޓު އެޅުމަށް ޗައިނާ، ސިންގަޕޫރު އަދި މެލޭޝިއާގެ ކުންފުނިތަކަށް ސަރުކާރުން ވަނީ ހުޅުވާލައިފައެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސް ޑރ. މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި ކަމަށާއި، މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީ ކަމަށެވެ. ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ ވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚިޔާލުތައް