އެމްޑީޕީގެ ސަރުކާރުން “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ތެރެއިން އެ ސަރުކާރުން ކަނޑައެޅި ޝަރުތު ހަމަވެގެން ފްލެޓެއް ލިބިފައި ވަނިކޮށް, ޝަރުތު ހަމަނުވާ ކަމަށް ބުނެ މި ސަރުކާރުން އެ ފްލެޓު ނުދޭން ނިންމައި, އެހެން މީހަކަށް އެތަން ދޭން ނިންމުމުން, އެކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި މިއަދު އެދިއްޖެއެވެ.
މައްސަލަ ހުށަހެޅުއްވުމަށް ފަހު ޖަސްޓިސް ބިލްޑިން ކުރިމަތީގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން, ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ، އިދާރީގޮތުން ކޯޓުން އެ މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ހުށަހެޅި މައްސަލައިގައި އެދިފައިވާނީ, އެކި މީހުންނަށް ކުރިން ދިން ފްލެޓުތައް އެހެން މީހުންނަށް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލައަށް ވަކި ގޮތެއް ނިމެންދެން އެކަން ހުއްޓުވައިދިނުމަށް ކަމަށެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި ‘ވާނުވާގައި’ ތިބެން ޖެހުމުގެ ކަންބޮޑުވުން ވެސް އޮތް ދަނޑިވަޅެއްގައެވެ.
ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ވަކީލު ހިއްސާއެއް ނުކުރައްވައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވީ، ފްލެޓުގެ މައްސަލައިގައި ސިޓީ ކައުންސިލްގެ ޖަލްސާތަކުގައި ވާހަކަ ދެކެވި ކައުންސިލްގެ ތެރެއިން އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށެވެ.
ސައިފް ވިދާޅުވީ، ކޯޓުގައި މި އެދެނީ މުޅި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުން ހުއްޓާލަން ނޫން ކަމަށާއި، އެދެނީ ވަކިވަކި މީހުންނަށް ލިބިފައިވާ ފްލެޓްތައް މައްސަލަ ނިމިގެން ނޫނީ ސަރުކާރުން އެހެން މީހުންނަށް ނުދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި 2022 ވަނަ އަހަރު ފްލެޓަށް މީހުން ކުރިމަތިލިއިރު، މިއަދުގެ ހާލަތަށް ބަލައި ފްލެޓްތައް ދޫކުރުމުގެ ސަބަބުން އޭރު ކުރިމަތިލީ މީހުންނަށް އޭގެ އަސަރު ކުރާނެއެވެ.
ވޭތުވެދިޔަ ތިން ހަފުތާއެއްގެ ތެރޭ ސިޓީ މެދުވެރިކޮށް ބައިވަރު ޝަކުވާ ލިބުނު ކަމަށް ސައިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މައްސަލައަކަށް ފަހު މައްސަލައެއް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓު ހައްގުވާ މީހުންގެ ލިސްޓު ނެރުނު އިރުވެސް އޭސީސީން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. އަދި، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ އަހަރުގެ ފެބްރުވަރީ މަހެވެ.
މި ފަހުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ފުލެޓު ލިބޭ މީހުންގެ އެއްބަސްވުމުގައި ވަނީ ސޮއިކުރަން ފަށައިފައެވެ. އެއީ މުޅި ލިސްޓު ނުނެރެއެވެ.
ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި ‘ވާނުވާގައި’ ތިބެން ޖެހުމުގެ ކަންބޮޑުވުން ވަނީ މިފަހުން ބޮޑުވެފައެވެ. އެ މައްސަލައިގައި 100 މީހުން ވެސް ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ މެދުކަނޑައިލާފައެވެ.
އެއީ 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ފެންމަތިވުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ.
އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިނިސްޓްރީން އޭސީސީއަށް ހުށަހަޅާފައިވަނީ މި މަހުގެ ހައެއްގައެވެ. އެ މައްސަލައިގައި ހިތްހަމެނުޖެހުން ފާޅުކޮށް، ހައުސިން މިނިސްޓްރީ ކުރިމަތީ ޕޮއިންޓު ލިބި ގުރުއަތުން ބާކީވި މީހުން ވަނީ ޖެހިގެން އައި ދުވަހު މުޒާހަރާ ވެސް ކޮށްފައެވެ.
މި މައްސަލައިގައި އަދި އަދަށް ދާންދެން ވެސް އޭސީސީގެ ބަހެއް ނުލިބެއެވެ.
ޚިޔާލުތައް