A wide advertisement which will be shown on all devices. (700 x 100)

މަތިވެރީގައި އަޅާ އާ އެއަރޕޯޓުން އެތެރޭގެ ދަތުރުފަތުރާއި ފަތުރުވެރިކަން އިތުރުކޮށްދޭނެ: މާލީ ވަޒީރު

އއ. މަތިވެރިގައި އަޅާ އާ އެއަރޕޯޓަކީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި، ފަތުރުވެރިކަން އިތުރުކުރުމާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އަދި އއ. މަތިވެރީގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް އިތުރަށް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި އެއަރޕޯޓް ތަރައްޤީކުރުމަށާއި ގުޅުންހުރި ބިން ހިއްކުމުގެ މަސައްކަތްތައް ކުރުމަށްޓަކައި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2025 އޮގަސްޓު 19 ގައެވެ. މި އެއްބަސްވުމުގައި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙުސައިން ޢިމްރާން ޢަބްދުލް މުހައިމިން އެވެ. އަދި އެމް.އޭ.ސީ.އެލް. ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝަރީފް މުޙައްމަދު އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

އއ. މަތިވެރީގައި އާ އެއަރޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ 2025 އޮގަސްޓު 20 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ އއ. މަތިވެރީގައި އާ އެއަރޕޯޓެއް އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. މި މަޝްރޫޢުގެ ހުރިހާ އިންވެސްޓްކުރުމަކާއި، ފަރުމާކުރުމާއި، ބިނާކުރުމުގެ މަސައްކަތްތައް ހިންގާނީ އެމް.އޭ.ސީ.އެލް. އިންނެވެ.

ވަޒީރު މޫސާ ޒަމީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ އެއަރޕޯޓަކީ އެތެރޭގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމާއި، ފަތުރުވެރިކަން ފުޅާކުރުމާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އަދި އއ. މަތިވެރި އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ވަޒީރު ވަނީ، މި މަޝްރޫޢަކީ ރާއްޖޭގެ ސަރަހައްދުތަކަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ހެއްކެއް ކަމަށާއި، ރައީސްގެ ގުޅިލާމެހިފައިވާ އަދި ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއްގެ ތަޞައްވުރުފުޅާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !