ނަފްސާނީ އަދި އިޖްތިމާއީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަނެ އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންއެއް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
މި ޓްރޭނިންގ ޕްރޮގްރާމް އެ ހޮސްޕިޓަލުގައި ކުރިއަށްދާނީ މިމަހުގެ 20 އިން 21 އަށެވެ.
ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ޕީއެފްއޭ) ތަމްރީނުގެ މަޤުސަދަކީ ކާރިސާ އަދި ކުއްލި ޙާލަތްތަކުގައި ނުވަތަ އޭގެ ފަހުން ނަފްސާނީ އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ޢިލްމާއި އަމަލީ ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.
އަދި ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތްތަކާއި މިފަދަ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ދެވޭނެ ޙާލަތްތަކާއި ރިފަރ ކުރަންޖެހޭ ޙާލަތްތަކުގައި އަމަލުކުރާނެ ގޮތާއިގުޅޭގޮތުންވެސް ބައިވެރިން ތަމްރީނު ކުރެވޭނެއެވެ.
މީގެއިތުރުން ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އަމިއްލަ ނަފްސާނީ ޞިއްޙަތައް އަޅާލުމުގެ މުހިންމުކަމާއި، އަމިއްލަ ދުޅަހެޔޮކަމަށް އިސްކަންދޭނެ ގޮތްތަކާއިގުޅޭ ގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ފުވައްމުލަކު ސިޓީގެ ތަފާތު މުއައްސަސާތަކުން 20 ފަރާތެއް ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައިވެއެވެ. މިގޮތުން ޏ.އަތޮޅު ތަޢުލީމީ މަރުކަޒު، ފުވައްމުލައް ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ޒިކުރާ ސްކޫލް، ޙާފިޒް އަޙުމަދު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ފ. ސްކޫލް، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓު، ޏ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ، އިބަމަ، ފުވައްމުލައް ޕޮލިސް، ފުވައްމުލައް ހޮސްޕިޓަލް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ، ވިމެން އިން ފުވައްމުލައް، ޔުނިސެފް، ދިވެހި ރެޑް ކްރެސެންޓް ފުވައްމުލައް ގޮފި، ފުވައްމުލައް ސިޓީ ކައުންސިލުން ކަމާގުޅުންހުރި ފަރާތްތައް މި ތަމްރީން ފުރިހަމަކޮށްފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ނަންގަވައިދެއްވަނީ ދިވެހި ރެޑް ކްރެސެންޓުން މިކަމަށް ތަމްރީން ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ ޔުނިސެފް އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެއްބާރުލެއްވުމާއެކުއެވެ.
ޚިޔާލުތައް