ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެއަތޮޅު މާޅޮހަށް ވަޑައިގެންފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައެވެ.
އއ. މާޅޮހުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ، އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއި ޙަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 49,307,404.33 ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވާރޭ ފެން ރައްކާކުރާ ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، އާރް.އޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. ފެނުގެ ނިޒާމަށް ބަލާއިރު، މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓާފައިވެއެވެ. ނަރުދަމާ ނިޒާމަށް ބަލާއިރު، ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބިސީތަކާއި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓާފައިވެއެވެ.
ޚިޔާލުތައް