A wide advertisement which will be shown on all devices. (700 x 100)

ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ފުލުހުން ފިހާރަތަކަށް

ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަށް މާލެސިޓިގެ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކުރަން ފަށައިފިއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުގެ ފުލުހުން ވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަށް މާލެސިޓިގެ ފިހާރަތަކަށް ޒިޔާރަތް ކުރަން ފަށާފައެވެ. މިގޮތުން މިއަދުގެ ހަރަކާތުގައި 138 ފިހާރައަށް ޒިޔާރާތްކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ކްރައިމް ޕްރިވެންޝަން ސެންޓަރުން ވިދާޅުވިއެވެ.

ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަށް މާލެސިޓިގެ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކުރަން ފަށާފަވާއިރު ކުށުގެ މާހައުލުގައި ކުޑަކުދިން އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާޅުކޮށްފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރުކާމާއެކު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ހޯޕް އައިލެންޑް ނަމުގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !