ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހުގެ މުނާޞަބަތުގައި، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ސިފައިންގެ ޝަރަފުގެ ހިނގާލުމެއް މާދަމާ ހަވީރު މާލޭގައި ބާއްވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި، ބަންޑާރަކޮށި ކުރިމަތިން ކަމަށެވެ. މާލޭގެ މައި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި، ލަޝްކަރު ޖުމްލަ ހަތަރު ތަނެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިލިޓަރީ ބޭންޑުން ކޮންމެ ތަނެއްގައި ވެސް ރާގު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ސިފައިންގެ ލަޝްކަރު ހުއްޓާ ސަރަޙައްދުތައް:
- ސޯސަންމަގު، ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
- މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަނގޮޅި
- މަޖީދީމަގު، މިލިޔަން ބުކްޝޮޕް ކުރިމަތި
- ބޮޑުތަކުރުފާނުމަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަހުރުވެރި “ގައުމީ ދުވަސް” ގެ ގޮތުގައެވެ.
މި ދުވަސް ފާހަގަކުރަނީ ރާއްޖެ 15 އަހަރާއި ހަ މަސް ދުވަސް ފަހުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރި ނަސްރާއި، އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި، އަދި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާ ކުރުމަށެވެ.
މި ޝަރަފުގެ ހިނގާލުމަކީ ގައުމީ ދުވަހުގެ ރޫހު އާލާކޮށް، ދިވެހި ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބަތަލުންގެ ހަނދާން އާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. ރައްޔިތުންނަށް މި ހިނގާލުން ބަލާލުމަށް ދިވެހި ގައުމީ ދިފާޢީ ބާރުން ވަނީ ދައުވަތު އަރުވާފައެވެ.
ޚިޔާލުތައް