A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް އިއްޔެ ފަށައިފި

ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް އިއްޔެ ފަށައިފިއެވެ.

ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން ބާއްވާ “އިންޒެކް 2025) ފެށީ އިސްލާމީ މަރުކަޒުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ މުހިންމު މަހާސިންތާއެއް ކަމަށެވެ.

ޒަކާތު ހައުސް އިން ވިދާޅުވެފައިވާ ގޮތުގައި، މި ކޮންފަރެންސްގައި އިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން މަޝްވަރާކުރެވޭނެއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި އިފްތިސާދީ ހަމަޖެހުމަށްޓަކައި، ޒަކާތުގެ ހިންގުން ހަރުދަނާކޮށް، އެ ނިޒާމުގެ ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމެވެ.

މިއަހަރުގެ ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމު ތަރައްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި ފުޅާކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޒަކާތު ހައުސް އިން ވިދާޅުވެއެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް އުފެދުނު ފަހުން ފާއިތުވެގެންދިޔަ ފުރަތަމަ އަހަރަކީ ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް ކަމަށެވެ.

ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ ބުރަ މަސައްކަތްތަކުގެ ސަބަބުން، ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިތުރު ޒަކާތް ލިބިގެންދިޔައީ މިދިޔަ އަހަރުގައި ކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޒަކާތު ހައުސްގެ މި ކުރިއެރުންތަކާއި ކާމިޔާބީތައް ހާސިލްކުރެވިފައިވަނީ، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާތީ ކަން ޝަހީމް ފާހަގަކުރެއްވިއެވެ. މިކަމަށް ރައީސް ޑރ. މުއިއްޒު ދެއްވާ އިސްކަން ފާހަގަކުރައްވާ، އެމަނިކުފާނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ވަޒީރުގެ ވާހަކައިގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ޒަކާތު ބިލަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، މި ބިލް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ އިލްމީ ތަޖުރިބާތަކުގެ މައްޗަށް ކަމަށެވެ. އަދި މި ބިލް ގާނޫނަކަށް ވެގެންދާއިރު، ޒަކާތުގެ ގާނޫނަކީ ވަރަށް ފުރިހަމަ އަދި ރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ގާނޫނަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން، އަމާޒަކީ މި ގާނޫނާއެކު ރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުން ކަމަށާއި، ޒަކާތު ހައުސްއަށް ހާއްސަ ވަކި އޮފީހެއް ގާއިމްކޮށް މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަށްވެސް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވެދިޔަ އަހަރު ބޭއްވުނު ޒަކާތު ކޮންފަރެންސްގައި ފަންނީ ބޭފުޅުންގެ ފަރާތުން ހުށައެޅުނު މުހިއްމު ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޒަކާތު ހައުސްގެ ފަރާތުން ކުރިއަށް ގެންދާކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދާ ޒަކާތު ކޮންފަރެންސްގެ ތެރެއިންވެސް މުހިއްމު ފަންނީ ލަފާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކައިގައި ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، އެ މުވައްޒަފުންގެ މަސައްކަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި އިދާރާ އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙްކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !