A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ނުވަ ކައުންސިލެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވަނީ ފެށިފަ: ޓްރޭޑްނެޓް

ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ރާއްޖޭގެ ނުވަ ކައުންސިލެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފިއެވެ.

މި މަސައްކަތަށް އިތުރު 40 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ޓްރޭޑްނެޓުން މިކަން ހާމަކޮށްފައިވަނީ، އެކުންފުނިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފްސީލު، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމެޓީ (އެސްއޯއީ ކޮމެޓީ) އާ ހިއްސާކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “މޯލްޑިވްސް 2.0” ނުވަތަ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަސައްވުރުގެ ދަށުން، ދައުލަތުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ޓްރޭޑްނެޓް ކުންފުނިންނެވެ. މި މަސައްކަތަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ “ވަން ގަވް” ޕްލެޓްފޯމް މެދުވެރިކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ޓްރޭޑްނެޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓްރޭޑްނެޓްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު އެސްއޯއީ ކޮމެޓީގައި ވިދާޅުވީ، ރާއްޖޭގެ ކައުންސިލްތައް ވަން ގަވް އަށް ގެނައުމަށް އެކުންފުނިން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން، މިހާތަނަށް ނުވަ ކައުންސިލަކާއެކު އެއްބަސްވުންތައް ހެދި، އެ ކައުންސިލްތަކުން ދޭ ހިދުމަތްތައް ތަރުތީބުކޮށް، ޑިޖިޓަލް ނިޒާމާ ގުޅުވާލުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މިހާރު ވަން ގަވް މެދުވެރިކޮށް ހިދުމަތް ދެމުންދާ ކައުންސިލްތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލް ހިމެނެއެވެ.

މި މަސައްކަތަށް ގިނަ ކައުންސިލްތަކެއްގެ ފަރާތުން ވަނީ ބޮޑު ޝައުގުވެރިކަމެއް ލިބިފައެވެ. ސައިދާ އުމަރު ވިދާޅުވި ގޮތުގައި، ނުވަ ކައުންސިލެއް ވަން ގަވް އާއި ގުޅާލުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އިތުރު 40 ކައުންސިލަކުން ވަނީ އެކަމަށް ރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޓްރޭޑްނެޓްގެ އަމާޒަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމަށްވާ 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކައުންސިލެއްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމެވެ.

މި މަސައްކަތް ކުރުމުގެ ގާބިލުކަން ޓްރޭޑްނެޓްގައި އެބަހުރި ކަމަށާއި، މި މަސައްކަތަށް ހާއްސަ ޓީމެއް ނަގައިގެން ކުރިއަށްދާ ކަމަށް ސައިދާ ވިދާޅުވިއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ކުންފުނީގެ ގާބިލްކަން އިތުރުކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދެކޭ ގޮތުގައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން، ހާމަކަންބޮޑުކޮށް އަދި ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ރައްކާތެރި ނިޒާމެއް ގާއިމްވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް އަވަސްވެ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !