ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، އުމުރުން 33 އަހަރުގެ، ޢަބްދުﷲ މިލްހާނެވެ.
އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސ. މީދޫއިންނެވެ. މި އޮޕަރޭޝަނަކީ، މި ޚިދުމަތަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ޢަބްދުﷲ މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާކަމަށާއި މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއްދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން ވެސް އެނގިފައިވާކަމަށް ފުލހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިފަދަ ތިން މައްސަލައެއްގައި 16000 ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވާކަން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް އަންނަނީ އިތުރުވަމުންކަމަށާއި އެހެންކަމުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލުތައް