އިއްޔެގެ މުޒާހަރާގެ ތެރެއިންވެސް އަދި އެކަމާ ގުޅުންހުރި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، ނޫސްވެރިން ދުރައްޖެއްސުމުގައި ފުލުހުން މަސައްކަތް ކޮށްފައިވަނީ ގްރީން ޒޯނުގައި މުޒާހަރާ ކުރުމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން މިނިސްޓަރު ވިދާޅުވެފައިވަނީ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައިކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އިއްޔެގެ މުޒާހަރާގެ ތެރެއިންވެސް އަދި އެކަމާ ގުޅުންހުރި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރުވާކަމަށާއި، ސެކިއުރިޓީ/ގްރީން ޒޯނެއްގައި (ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކުރިމަތީގައި) ނޫސްވެރިން އިހުތިޖާޖު ކުރަމުން ދިޔައިރު، އެއީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
އަދި ބައެއް ނޫސްވެރިން ސަލާމަތީ ސަރަހައްދުން ނެރުނީ އިރުޝާދުތަކަކާއި އިންޒާރުތަކަށް އިހުމާލުވުމުން ކަމަށެވެ. އެހެންކަމުން މުހިންމު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝިދު ވިދާޅުވީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން މީޑިއާގެ ބިލު ތަޞްދީޤު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒަށް އިލްތިމާސް ކުރާ ކަމަށާއި، ސަރުކާރަކުން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިއްޖެނަމަ، އެކަމުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ތަނަވަސްކަން ގެއްލިދާނެ ކަމަށެވެ. އަދި ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށް ވެސް ގޮވާލާ ކަމަށް ރައީސް ނަޝީދުގެ ޕޯސްޓްގަ ވަނީ ގޮވާވެސް ލައްވާފައެވެ.
އިއްޔެ ނޫސްވެރިން ކުރި މުޒާހަރާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއެގައި ބުނީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުނުކުރާ ކަމަށާއި، ގްރީންޒޯނުގައި މުޒާހަރާ ކުރުން ދުރައްޖެއްސީ ކަމަށެވެ. އަދި ޤާނޫނާއި ގަވާއިދުގެ ތެރެއިން އެއްވުންމަށާއި، އެގޮތަށް ކުރާ މުޒާހަރާތަކަށް ފުރުސަތު ފަހި އޮންނާނެ ކަމަށެވެ.
ޚިޔާލުތައް