މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މީގެކުރިން މަގުބައްތިތައް ދިއްލުން، ޕާކްތައް އަދި އާންމު މައިދާންތަކުގައި ނަގަމުން އައި ގަވަރމަންޓު ރޭޓުންނެވެ.
ރައީސް މިރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
އަދި ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް މިދިޔަ އަހަރު ހަމަޖައްސަވާފައެވެ.
މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ހަރަދު އިގްތިސާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިންމު ނިންމުމެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ރައީސް މީގެކުރިން ވިދާޅުވީ، މާލެ ސިޓީ އާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން އެ ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައި ދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެއެވެ.
ޚިޔާލުތައް