ގާނޫނު އަސާސީން ނޫސްވެރިންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީނަމަވެސް އެ ހައްގު ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތައް ރައްކާތެރިކޮށް އިހުތިރާމްކޮށްގެން ކަމަށް ބަންޑާރަނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ އެހެން މީހުންނާއި ގުޅޭގޮތުން ދޮގުވާހަކަ ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ނޫސްވެރިންނަށް ލިބިދޭ ބާރެއް ނޫން ކަމަށާއި މިއީ ހައްލުކުރަން ޖެހޭ މައްސަލައެއްކަން ރާއްޖޭގެ ގިނަ ނޫސްވެރިންނާއި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
ނޫސްވެރިންނަށް ލިބިފައިވާ ހައްގުތައް އަދާކުރުމުގައި އަނެކުންގެ ހައްގުތައްވެސް ރައްކާތެރިކޮށް ޒިންމާދާރުކަމާއެކީ ނޫސްވެރިކަން ކުރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން އުޝާމް ފާހަގަކުރެއްވިއެވެ.
“ނޫސްވެރިން ނޫސްވެރިކަމުގެ ހައްގު ބޭނުންކުރަންވާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރައްވައި އެހެން މީހުންގެ ހައްގުތައްކަށްވެސް އިހުތިރާމްކޮށްގެން. އެހެން މީހުންނަށް އަނބުރު ރައްކާތެރިކުރުމުގެ ހައްގުވެސް ހަމަ ގާނޫނު އަސާސީން ލިބިދޭ. ދޮގު ހަބަރު ފަތުރާ މައްސަލައަކީ މީގެތެރެއިން އަންނަ ކަމެއް. އެމައްސަލައަކީ ހައްލު ނުލިބިފައި އޮތް މައްސަލައެއް.” އުޝާމް ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާ އަނބުރަށް އަރައިގަންނަ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް އަންނަ މައްސަލައެއް ކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުން މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރެއްވިނަމަވެސް ރާއްޖޭގައި އޮތް ގާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ހައްލެއް އަދިވެސް ނުލިބޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
އަދި މިހާރު ހުށަހެޅިފައި އޮތް ބިލާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން މިހާރު އެ ބިލް ހުށަހެޅިފައި އޮތްގޮތުން. ހާއްސަކޮށް އަޅުގަނޑުމެން ހުށަހަޅާފައިވާ އިސްލާހުތަކާއެކީގައި.” އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވިގޮތުގައި މިހާރު ރާއްޖޭގައި އޮތް ގާނޫނީ ނިޒާމުގެ ތެރެއިން މި މައްސަލަ އަދި ހައްލުކުރެވޭނެ ގޮތެއް ނެތެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި މިކަމާއި ގުޅިގެން އޭރުވެސް ބިލެއް ފަރުމާކުރުމަށް ސަރުކާރަށް ހުށަހެޅުނުކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
މަޖިލީހުން މިހާރު ދިރާސާކުރަމުންދާ ބިލާއިމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން ބިލުގައި ހިމެނޭ ކަންކަން އޭޖީ އޮފީހުގެ ގާނޫނީ ޓީމުން ބެލުމުން 14 އިސްލާހެއް ގެންނަށް ފެންނާތީ އެ އިސްލާހު ހުށަހެޅީ ކަމަށާއި މި އިސްލާހުތަކާއެކު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
އުޝާމް ވިދާޅުވީ މިއީ މީޑިއާތައް ރެގިއުލޭޓްކުރާ ބިލެއްކަމަށާއި މީގެއިން އާންމު ރައްޔިތުން ސޯޝަލް މީޑިއާ ފަދަ ޕްލެޓްފޯމްތަކުގައި ކުރައްވާ ޕޯސްޓްތަކާގުޅިގެންވެސް ފިޔަވަޅު އެޅޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެއީ ޙަޤީޤަތާ ޚިލާފް ވާހަކައެއްކަމަށެވެ. އަދި މި ބިލަށް މިހާރު އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާޙުތަކާއެކު ބިލު ފާސްވެއްޖެނަމަ އޭގެ ސަބަބުން ރާއްޖޭގެ މީޑިއާ ދާއިރާ އަދި ނޫސްވެރިކަން ވަރަށް ބޮޑަށް ހަރުދަނާވެ ނޫސްވެރިންގެ ޒިންމާދާރުކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް އުޝާމް ވިދާޅުވިއެވެ.



ޚިޔާލުތައް