A wide advertisement which will be shown on all devices. (700 x 100)

ގާނޫނީ މައުލޫމާތު ދޭން އޭއައި ހިމެނޭ ވެބްސައިޓެއް އޭޖީން ބޭނުން ކުރަން ފަށައިފި

ބަންޑާރަ ނައިބުގެ އޮފީސް (އޭޖީ)ގެ ހިދުމަތްތައް ޒަމާނީކޮށް، ގާނޫނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ އާ ވެބްސައިޓެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

އޭޖީ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމީ ޖަލްސާގައި މި ވެބްސައިޓާއެކު އެ އޮފީހުން ޝާއިއުކުރި “އަލިމަސް ޔޫބީލް ހަނދާނީ ފޮތް” ރައީސް ވަނީ ނެރެދެއްވާފައެވެ.

އެ އޮފީހުން ވިދާޅުވީ މި ވެބްސައިޓަކީ ހުރިހާ ގޮތަކުންވެސް ފަސޭހަވެގެންދާނެ ގޮތަކަށް ފަރުމާކުރެވިފައިވާ ވެބްސައިޓެއް ކަމަށެވެ.

އެ އޮފީހުން ވިދާޅުވީ މި ވެބްސައިޓް ފަރުމާކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއިއެކު މައުލޫމާތާއި، ލިޔެކިޔުންތައް ފަސޭހައިން ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަަށެވެ. އާންމުންނަށް ގާނޫނީ މައުލޫމާތު ހޯދުމަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް، ފަސޭހަކޮށްދިނުމަކީ މި ވެބްސައިޓުގެ މައިގަނޑު އެއް މަގުސަދެވެ. މި އާ ވެބްސައިޓްގެ ސަބަބުން ގާނޫނީ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ މި އާ ވެބްސައިޓްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ގާނޫނީ މައުލޫމާތު ފޯރުކޮށްދޭނެ އޭއައި ފީޗާއެއް އެކުލެވިފައިވާ ކަމެވެ. މި އޭއައި ފީޗާއިން މި ވަގުތުން ފެށިގެން ރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކުގައިވާ މުހިންމު ބައިތަކާއި، ވަކި ސުރުހީއަކާ ގުޅޭގޮތުން ގާނޫނުތަކުގައިވާ މައުލޫމާތުތައް ވަރަށް ފަސޭހައިން ހޯދޭނެއެވެ. މިއީ ރާއްޖޭގައި ސަރުކާރުގެ މުއައްސަސާއެއްގެ ވެބްސައިޓެއްގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު، ޗެޓްގެ ޒަރީއާއިން ގާނޫނީ މައުލޫމާތު ލިބޭނެގޮތް މަގުފަހިކުރެވުނު ފުރަތަމަ ފަހަރެވެ.

ނަމަވެސް، މި އޭއައި ޗެޓަކީ ކަންކަން ދަސްކުރަމުންދާ ފީޗާއަކަށްވާތީ، މުސްތަގުބަލުގައި އިތުރު މައުލޫމާތާއި އެކު ގާނޫނީ ސުވާލުތަކަށް ތަފްސީލީ އަދި ފުރިހަމަ ޖަވާބުތައް ލިބޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތުދެއްވައެވެ. މި ވެބްސައިޓުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، އާންމުންނާއި ގާނޫނީ ވަކީލުންނަށް މައުލޫމާތު ހޯދުމުގެ މަސައްކަތް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !