އިޒުރޭލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ބަނޑުހައިހޫނުކަމިގެ ބޮޑު ކާރިސާއެއް ދިމާވެފައިވާ ޣައްޒާއަށް އިންސާނީ އެހީއާއިއެކު ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދް ފްލޮޓީލާ” އަށް އިޒްރޭލުން ހުރަސްއަޅައި ބައެއް ބޯޓުތައް ހިފައްޓައި އިންސާނީ އެހީއަށް މަސައްކަތްކުރާ ދަރުމަވެރިން އިޒުރޭލުގެ ލާއިންސާނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިހާތަނަށް 13 އުޅަނދެއް ހިފަހައްޓާފައިވާ އިރު އެއުޅަނދުތަކުގައި 37 ގައުމަކަށް ނިސްބަތްވާ 201 ދަރުމަވެރިން ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން ހިފެހެއްޓި 13 އުޅަނދުގައި ސްޕެއިނަށް ނިސްބަތްވާ 30 މީހަކާއި އިޓަލީއަށް ނިސްބަތްވާ 22 މީހަކާއި، ތުރުކީއަށް ނިސްބަތްވާ 21 މީހުންގެ އިތުރުން މެލެޝިއާއަށް ނިސްބަތްވާ 12 މީހަކު ހިމެނެއެވެ.
މީގެ އިތުރުން، އިޒުރޭލުގެ ލާއިންސާނީ ސިފައިން ދަނީ އިތުރު 30 އުޅަނދަކަށް ހުރަސް އަޅަމުންނެވެ. އިޒުރޭލުގެ ސިފައިދަނީ ފްލޯޓިލާގެ އުޅަނދުފަހަރުގެ މުއާސަލާތީ އާލާތްތަކަށް ގެއްލުންދީ ހަލާކުރަމުންނެވެ. އެގޮތުން ޑިސްޓްރެސް ސިގްނަލް ފޮނުވާ ނިޒާމުތަކާއި އެހެނިހެން މުއާސަލާތީ ނިޒާމުތައް ހަލާކުރަމުންދަނީ ފްލޯޓިލާގެ އުޅަނދުތަކުގެ މައުލޫމާތު އާންމުންނަށް ލިބުނަނުދިނުމަށްކަމަށް ފްލޯޓިލާއިން ހާމަކުރެއެވެ.
އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރުކޮށްފައި ވަނީ “އިޒްރޭލުން ބަންދުކޮށްފައިވާ” ސަރަހައްދަށް ވަނުމުން ކަމަށް ބުނެ އެވެ. އެކަމަކު ފްލޮޓީލާގެ މެންބަރުން ބުނަމުންދަނީ އިޒްރޭލުން ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެހެންވެ އެ މީހުންގެ އުޅަނދުތަކަށް ހުރަސްއަޅައި މީހުން ހައްޔަރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
އިޒުރޭލުގެ މިލާއިންސާނީ އަމަލުތަކަށް ބެލުމެއްނެތި ފްލޯޓިލާގެ ބައެއް އުޅަނދުފަހަރު އަދިވެސް މިސްރާބު ޖަހާފައިހުރީ ޣައްޒާއަށެވެ. ނުހުއްޓި ދަތުރުކުރާ އުޅަނދުތައް ޣައްޒާގެ އައްސޭރިއާ ކައިރިވަމުންދާ ކަމަށް ފްލޯޓިލާއިން ބުނެފައިވެއެވެ. އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަތުރު ނުހުއްޓާ ކުރިއަށްދާ ދިހަ ވަރަކަށް ބޯޓު ޣައްޒާއާ 40 މޭލަށް މިހާރު ކައިރިވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އިޒުރޭލުގެ މިލާއިންސާނީ އަމަލާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުޒާހަރާތައް ވަނީ ހޫނުވެފައެވެ. އޭގެ ތެރޭގައި ތުރުކީގެ އަންކާރާ އާއި މެކްސިކޯ ސިޓީ އާއި ސްޕެއިންގެ މެޑްރިޑްގެ އިތުރުން އާޖެންޓީނާގެ ވެރިރަށްވެސް ހިމެނެއެވެ.
މިކަމާއި ގުޅިގެން ބައެއް ގައުމުތަކުގެ ވެރިންދަނީ އިޒުރޭލަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ކޮލަންބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ، އިޒުރޭލުގެ ލާއިންސާނީ އަމަލާތަކަކީ “ބެންޖަމިން ނަތަންޔާހޫ ވަނީ ބައިނަލްއަގްވާމީ ޖިނާއީ އާ ކުށަށް އަރަގެންފައި” ކަމަށް ބުނެ ކޮލަންބިއާގައި ތިބި އިޒުރޭލުގެ ހުރިހާ ޑިޕޮލޮމެޓުން އެގައުމުން ބޭރުކޮށްފައެވެ.
ބައިނަލް އަގްވާމީ އެތަކެއް ގާނޫނާއި ޚިލާފުވެފައިވާ އަދި ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ބެންޖަމިން ނަތަންޔާހޫ ހުއްޓުވުމަށް ދުނިޔެއަށްވަނީ ނުކެޅެދިފައެވެ. ފަހުގެ ތާރީޚެއްގައި ހިންގައިވާ ނަސްލުނައްތާލުމުގެ އެންމެ ބޮޑު ލާއިންސާނީ އަމަލު އިޒުރޭލުން ހިންގަމުންދާއިރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް އިޒުރޭލާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންވަނީ ނުކުޅެފިއެވެ. އިޒުރޭލުގެ އަމަލު ކުށްވެރިކުރުން ފިޔަވައި އެހެންކަމެއް ދިވެހިރާއްޖެ އާއި އިސްލާމީ ގައުމުތަކުންވެސް ކުރާތަނެއް ނުފެއެވެ.
ޚިޔާލުތައް