A wide advertisement which will be shown on all devices. (700 x 100)

ގިރާސަރަހައްދު ޙިމާޔަތްކުރުމަށް ކަނޑައަޅާފައިވާ 4 ރަށުގެ “ޑީޓެއިލްޑް ޑިޒައިން” ތައްޔާރުކުރުމަށް ސޮއިކޮށްފި

“ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް” މަޝްރޫޢު އަކީ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕާރޭޝަން އެޖެންސީ (ޖައިކާ) ގެ ހިލޭއެހީގައި، ޖައިކާއާއި ދިވެހި ސަރުކާރާގުޅިގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ހިންގުމަށް، 2023 ވަނަ އަހަރު، ޖައިކާއާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ، ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމެވެ. މި މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ 4 ރަށަކީ، އައްޑޫ ސިޓީ މީދޫ، ލ. ފޮނަދޫ، ލ. ގަން، އަދި ލ. އިސްދޫ އެވެ.

މި މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތަކުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމާގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތެއް އެކުލަވާލުމާއި، އެ ސިޔާސަތުގެ ދަށުން، ދެމެހެއްޓެނިވިގޮތެއްގައި ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ ރަށު ފެންވަރުގެ ޕްލޭންތައް މި މަޝްރޫޢުގެ ހަތަރު ރަށަށް ތައްޔާރުކުމާއި، ގޮނޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް އެކުލަވާލުން ހިމެނެއެވެ.

މިހާތަނަށް މި މަޝްރޫޢުގެ ދަށުން، ހަތަރު ރަށުގެ ގިރާސަރަހައްދުތައް ޙިމާޔަތްކުރާނެ ގޮތްތަކުގެ “ބޭސިކް ޑިޒައިން” އެއް ވަނީ އެކުލަވާލާފައެވެ. އަދި، ގޮނޑުދޮށްތައް ޙިމާޔަތްކުރުމާގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުގެ ޑްރާޕްޓެއް ތައްޔާރުކޮށް، ކަމާގުޅޭ ދާއިރާތަކާ ހިއްސާކޮށް، އެފަރާތްތަކުގެ ހިޔާލުވަނީ ހޯދާފައެވެ. އަދި މި އެކުލަވާލާ ސިޔާސަތުގެ ދަށުން، ހަދަން ހަމަޖެހިފައިވާ ރަށު ފެންވަރުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ. މީގެ އިތުރުން، ގޮނޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތުގެ ދަށުން، ތިން ޓޫލް އެއް ފަރުމާކޮށް ވަނީ ނިމިފައެވެ. އަދި މިޓޫލްތައް ބޭނުންކުރުމާގުޅޭ ފަންނީ ޓްރޭނިންގތައް ހިންގުމަށްފަހު، މިނިސްޓްރީގެ ފަންނީ ޓީމުންދަނީ ބޭނުންކުރަމުންނެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ، މި ހަތަރު ރަށުގެ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ އިތުރުން، މަޝްރޫޢަށް ބޭނުންވާ އީއައިއޭ ރިޕޯޓު ހެދުމާއި، ޢަމަލީ މަސައްކަތް ކުރުމަށް ކޮންސްޓަރަކްޝަން ކޮންޓްރެކްޓަރ އެއް ހޯދުމަށް ވާންޖެހޭ ތައްޔާރީތަކަށް މިނިސްޓްރީއަށް އެހީތެރިވުމާއި، ހަތަރު ރަށުގައި ޢަމަލީ މަސައްކަތްތައް ފެށުމުން، އެމަސައްކަތްތައް ބެލެހެއްޓުމާއި އަދި ކަމާގުޅޭ ފަންނީ ތަމްރީން ޕްރޮގްރާމްތައް އަޅުގަނޑުމެންގެ ކަމާގުޅޭ މުވައްޒަފުންނަށް ހިންގުންވެސް ހިމެނޭގޮތަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޒިޔާދު އެވެ.

ސޮއިކުރުމުގެ ރައްމިއްޔާތުގައި، ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން، ގިނަވެގެން 6 މަސްދުވަސް ތެރޭގައި 4 ރަށުގެ ޑީޓެއިލްޑް ޑިޒައިން ތައްޔާރުކޮށް ނިންމާލެވޭނެކަމަށާއި، އަދި ޑީޓެއިލްޑް ޑިޒައިން މަސައްކަތާ އެކުއެކީގައި، ކޮންޓްރެކްޓަރ އެއް ހޯދުމަށް ކުރަންޖެހޭ ޓެންޑަރިންގ މަސައްކަތްތައްވެސް ފެށިގެން ދާނެކަމަށް މައުލޫމާތު ދެއްވިއެވެ. އަދި އަންނަ އަހަރު ތެރޭގައި، މި ހަތަރު ރަށުގެ ގިރާސަރަހައްދުތައް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !