ދިވެހިރާއްޖޭގެ ސިނާއީ، އިޖްތިމާއީ، އިގްތިސާދީ މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމަށް ދިވެހިރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް އިސްލާހެއް ހުށަހަޅައިިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
މިބިލް ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވި ގޮތުގައި މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭރުގެ އިންވެސްޓުމެންޓުތައް އިތުރުކޮށް، އެ އިންވެސްޓުމެންޓުތަކުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމެވެ. އަދި މި ބިލަކީ ރާއްޖޭގެ އާމްދަނިގެ މަގުތައް ހުޅުވާލާނެ ރާއްޖެއަށް ފައިދާކުރާނެ ބިލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝުޖާއު ވިދާޅުވީ މި ބިލުގެ ސަބަބުން މާލީ ދާއިރާގައި ބޭރުގެ އިންވެސްޓުމެންޓުތައް އިތުރުވެ ރާއްޖޭގެ މާލީ ނިޒާމު ވަރުގަދަވެގެންދާނެ ކަމަށާއި އުމްރާނީ ގޮޮތުންވެސް ތަރައްގީކުރެވި ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި މާހައުލުތައް އުފެދިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިއަދު އިސްލާހު ހުށަހެޅި ގާނޫނަކީ 2014 ވަނަ އަހަރު އޮަސްޓުމަހު ފާސްކުރި ބިލެކެވެ. މި ބިލް ގާނޫނަކަށް ބަދަލުވި ފަހުން މިއީ ގާނޫނަށް ގެނެވޭ ފުރަތަމަ އިސްލާހެވެ. މިބިލުގައި ހުށަހެޅިފައިވާ އިސްލާހުތަކަކީ:
- އެސްއީޒެޑްގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަދި 17 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން
- 20 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން
- 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން
- 70 ވަނަ މާއްދާގެ ފަހަތަށް ބާއެއް އިތުރުކުރުން
- 10 ވަނަ ބާބުގެ ސުރުހީ އިސްލާހު ކުރުން،
- 79 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަމްބަރާއި 12 ވަނަ ނަންބަރު އިސްލާހުކުރުން،
- 82 ވަނަ މާއްދާގެ “ޕާމިޓް” މިލަފްޒު މާނަކުރުމުގެ ފަހަތަށް ލަފްޒެއް އިތުރުކޮށް މާނަކުރުން އިތުރުކުރުން
- މި ގާނޫނުގެ “ވިޔަފާރި ފައިދާއިން ނަގާ ޓެކްސް” މިބައިން މިފަދައިން ބަޔާންކޮށްފައިވާ އެންމެހާ އިބާރާތް “ވިޔަފާރި އާމްދަނީއިން ނަގާ ޓެކްސް”އަށް ބަދަލުކުރުން
- ގާނޫނަށް އަމަލުކުރުމަށްޓަކައި ހަދަންޖެހޭ ގަވައިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި ގެޒެޓްކޮށް ޝާއިއުކުރުމަށްޓަކައި ހުށަހެޅުނު އިސްލާހެވެ.
ޚިޔާލުތައް