A wide advertisement which will be shown on all devices. (700 x 100)

ލ. ހުޅިމެންދޫގައި 5 ތަރީގެ ރިސޯޓެއް ތަރައްޤީކުރެވުމަކީ، ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއް: ރައީސް

ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ 5 ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްޤީކުރެއްވުމަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކަށް، ވަކީން ޚާއްޞަކޮށް، ލ. މާމެންދޫގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއެކު ރިސޯޓެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވެސް މި ބައްދަލުކުރެއްވުމުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމެވެ. އަދި ރިސޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރައްވާ ފަރާތުގެ ހައިސިއްޔަތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.

މީގެ އިތުރުންވެސް، ލ. މާމެންދޫގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު މަޝްރޫޢުތަކެއްގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން ބަނދަރު ތަރައްޤީކުރުމާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، މާމެންދޫ މަގުހެދުމުގެ މަޝްރޫޢުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ހަމަ މިއާއެކު، މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރެވެ. މީގެއިތުރުން ލ. މާމެންދޫ ޞިއްޙީ މަރުކަޒުގައި ތަރައްޤީކޮށްފައިވާ ލެބޯޓްރީގެ ޚިދުމަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ ފައްޓަވައިދެއްވާފައެވެ.

މި ހުރިހާ މަޝްރޫޢުތަކަކީވެސް ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ލ. މާމެންދޫގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ. އަދިވެސް ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ޕޮލީސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ސްކޫލުގެ ތަރައްޤީއާގުޅޭ މަޝްރޫޢެއް ފައްޓަވައިދެއްވައި، ހަލުވި މިނުގައި އެކަން ނިންމަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. ހަމަމިއާއެކު، ކުޅިވަރުގެ ދާއިރާއިންވެސް އަންނަ އަހަރުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !