ގެއްލުނު ސިނގިރޭޓް ކޮންޓޭނަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ކޮންޓެއިނަރުގެ ބައިތައް ފުލުހުންގެބެލުމުގެ ދަށަށްގެންގޮސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކުރިއަށް ގެންދާ ތަހުޤީޤުގައި އިތުރު މީހަކު 2025 އޮކްޓޯބަރ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައިކަމަށެވެ. އެއީ، ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ކަންތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޚިޔާލުތައް