އައްޑޫސިޓީ ހުޅުދޫގައި، ހުޅުދޫއަށް ހާއްސަ ރަށު ކައުންސިލެއް އުފެދިއްޖަނަމަ، އެ ރަށުގައި ހިލޭ ދަތުގެ ފަރުވާ ދޭނެ ކަމަށް ދިވެހި ޑޮކްޓަރެއް ކަމަށްވާ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ރައީސްކަން ވެސް ކުރިން ކޮށްފައިވާ އިބްރާހިމް ދީދީ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުދޫގައި ރަށު ކައުންސިލެއް އުފެދިއްޖެނަމަ، ހުޅުދޫގެ ސިއްހީ މަރުކަޒަށް ކައުންސިލްގެ އެހީތެރިކަމާއެކު ޒިޔާރަތްކޮށް ދަތުގެ ފަރުވާ ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.
އައްޑޫގެ ވަކިވަކި ރަށްތަކުގައި ކައުންސިލް ހެދުމަށް ނަގާ ވޯޓު މިވަގުތު ކުރިއަށް ދަނީ ފޭދޫ، މީދޫ އަދި ހުޅުދޫގައެވެ. މި 3 ރަށުގައި މި ވޯޓު ކުރިއަށްދާއިރު، މި ވޯޓަކީ އެހާ ފޯރިއެއް ނެތް ފިނި ތަރުހީބެއް އޮތް ވޯޓެއްކަން ވަނީ އެނގިފައެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިފައިވާއިރު، މި ވޯޓުގައި ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެންދުރު ފަހު 13:00 އާއި ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 2،097 މީހުންނެވެ. އެއީ 21.9 އިންސައްތައެވެ.



ޚިޔާލުތައް