އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ކައުންސިލް އުފައްދަންކަމަށާއި، ނަމަވެސް ފޭދޫ މީހުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެންކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.
އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން މި ވޯޓުގައި ބައިވެރިވި ހުޅުދޫ ރައްޔިތުންނާއި މީދޫގެ ރައްޔިތުންގެ މެޖޯރިޓީ ތާޢީދުކުރީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ކައުންސިލް އުފެއްދުމަށެވެ. މި ވޯޓުގައި ބައިވެރިވި ފޭދޫ ރައްުޔިތުންގެ މެޖޯރިޓީ ތާއީދުކުރީ ސިޓީ ކައުންސިލުން ވަކިނުވާށެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ.
މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަކިވަކި ފޮށިތަކުގެ ނަތީޖާތައް އިއުލާންކުރަމުންދާއިރު، މިރޭގެ ވަގުތެއްގައި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ އިއުލާންކުރާނެއެވެ.
އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ.



ޚިޔާލުތައް