ވަޤުފް މަޝްރޫޢުކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާއި ގުޅޭ ފަހުމުނާމާގައި ބޭންކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއަދު ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްއާއެކު ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާއަކީ ކުރިމަގަށް ހުޅުވިގެންދިޔަ ވަރަށް މުހިއްމު ޞަފްޙާއެއްކަމަށާއި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ވަޤުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލްއިން އެހީތެރިކަން ދެއްްވުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ. އަދި މިއީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޭންކާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަޤުފް މަޝްރޫޢުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށައި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަޤުފް މަޝްރޫޢުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި އިޖުތިމާޢީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކުގައި ޤައުމީ ބޭންކުގެ ގެ ޙައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއްކަމަށާއި މިއަދު ސޮއިކުރެވިގެންމިދިޔަ ފަހުމުނާމާއަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއްކަމަށެވެ.
މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. މީގެ ތެރެއިން މާލޭގައި ތަރައްޤީކުރާ ދާރުލްއަރްޤަމް މަޝްރޫޢުއަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވާއިރު އެ މަސައްކަތް ކުރުމަށް ވަނީ އާރްސީސީއާ ހަވާލުކޮށްފައެވެ.
ދާރުލްސަލާމް އާއި މާލޭގައި ތަރައްޤީކުރާ ދާރުލްއަރްޤަމް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 12 ފަންގިފިލާއަށެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.
 
             
                            


 
             
                                                
ޚިޔާލުތައް