ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގެ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީ އަދި މައްސަލަ ނިމެންދެން ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބެންކު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރީ މި އަހަރުގެ ޖުލައި 8 ވަނަ ދުވަހު އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި، މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު، ހަތަރު ފުލުހަކު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފައިވެއެވެ. ހަމައެއާއެކު، މި މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކުރުމަށްވެސް ނިންމާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި 4 ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވީނަމަވެސް، މި މައްސަލައާ ގުޅިގެން 4 އަކަށްވުރެ ގިނަ މުވައްޒަފުންގެ މައްސަލަ ބަލާފައިވާކަމަށާއި ބައެއް މުވައްޒަފުން ހުރި މަގާމުތަކަށްވުރެ ދަށް މަޤާމުތަކަށް ބަދަލުކުރުމަށްވެސް ބޯޑުން ނިންމާފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ ފުލުހުންގެ ވަނަވަރު ހާމަކޮށްފައިނުވާއިރު، އެ ފުލުހުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއްވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
 
             
                            


 
             
                                                
ޚިޔާލުތައް