އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 31 ގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓާ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެއެވެ.
މި ބަޖެޓަކީ 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓެވެ. މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ބޭރުގެ ދަރަނިތައް ދެއްކުމަށް އެކަނި 600 މިލިއަން ޑޮލަރު ވަނީ ހިމަނައިފައެވެ. އެގޮތުން ހަމައެކަނި މިކަމަށް 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ހަރަދުތައް ކެނޑުމަށް ފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް މަލީ ވަޒީރު ވިދާޅުވިއެވެ.
މި އަދަދު ބޮޑުވެފައިވަނީ، 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުންނެވެ.
މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިޔަން ރުފިޔާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށް ކަމަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ.
މި ބަޖެޓުގައި ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ގޮތަކަށް ފަރުމާކޮށްފައިވާނެ ކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މި ބަޖެޓު ހުށަހަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
 
             
                            


 
             
                                                
ޚިޔާލުތައް