ރައީސް އިޢުލާންކުރައްވާފައިވާގޮތަށް، 3 ދާއިރާއެއްގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މުސާރައިގެ އިތުރުންވެސް ކުރިން ޢިއުލާންކުރައްވާފައިވާ 2 ކަމެއް މިއަދު ތަންފީޒުކުރަން ވަނީ ފެށިގެންގޮސްފައެވެ. މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާވާނެ ނިންމެވުންތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާނެކަމަށެވެ. މިއާއެކު 2007ގައި އުފަންވި އަދި އޭގެފަހުން އުފަންވާ ދިވެހީން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިއްކުމުގެ އެއްވެސް ޢަމަލެއް ހިންގުމަކީ ޤާނޫނީ ކުށެކެވެ. އަދި އެފަދަ ޢަމަލެއްކުރާނަމަ އެކަމުގައި އަދަބު ދެވޭނެއެވެ.
މިއަދު ތަންފީޒުކުރަން ފަށާ އަނެއްކަމަކީ، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން، ކަށި މިޔަރު ބޭނުން ހުއްދަ ކުރެއްވުމެވެ. ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީގެކުރިން ކުރަމުން ދިޔަ 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން ސަރުކާރުން ހުއްޓުވާފައިވަނީ އެބާވަތްތައް ނެތިދިޔުމުގެ ބިރާއެކުގައެވެ. އެހެންނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ބެހޭ ވުޒާރާއާއި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އަލުން ކަށި މިޔަރުގެ މަސްވެރިކަން މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ކުރުމުގެ ހުއްދަދެއްވާފައެވެ.
މިއަދު ތަންފީޒުކުރަން ފަށާ އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ރައީސް ނިންމެވި ނިންމުމެވެ. އެގޮތުން ޖުޑިޝަރީއާއި، ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މިމަހުގެ މުސާރަ މިފަރާތްތަކަށް ލިބިގެންދާނީ އައު ޕޭ ފްރޭމްވޯކްގެ ދަށުންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަނީ ސަރުކާރުގެ މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދެއްވާ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަން ފާހަގަކުރައްވާ ހުރިހާ ދިވެހީންނަށް ރައީސްވަނީ މަރުޙަބާ ދަންނަވާފައެވެ.
ރައްޔިތުންނާ ގުޅުންހުރި މުހިއްމުކަންކަން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ.



ޚިޔާލުތައް