ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ ޚަރަދު މިއަދާ ހަމައަށް ވެސް އާސަންދައިން ނުލިބޭ ކަމަށާއި އެކަން ނިމުމަކަށް ގެންނަވައި، އަންނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ، މިސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ފާހަގަކުރުމަށް، “ރައްޔިތުންނާއެކު ކުރިއަށް – ހަފްތާ 104” މި ނަމުގައި، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިސަރުކާރަކީ އޯގާތެރި އަޅާލާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ހިންގާ “ކޮންމެ ކުއްޖަކަށް އާއިލާއެއް” ޕްރޮގްރާމު ސަރުކާރުން ކުރިއަށްގެންދިޔުމުގެ މަޤްޞަދަކީވެސް ކުޑަކުދިންނާމެދު އިހާނެތިކޮށް ހިތުން މިމުޖުތަމަޢުން ނައްތާލުމަށްޓަކައި ސަރުކާރަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށްގޮސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް މިހާރު އާއިލާތައް ހޯދައި ދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަންވެސް މީގެ ކުރިން ދެވިފައިވަނީ ވަރަށް ކުޑަކޮށް ނަމަވެސް، މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން 333 ވަޒީފާ ހަމަޖައްސަވައިދެއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ އިތުރުން، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދޭން ޖެހޭ ސަމާލުކަން ވެސް އެއްވެސް ސަރުކާރަކުން ދެއްވާފައިނުވާ ކަމަށާއި، ނަމަވެސް އެމަރުކަޒު ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް މިސަރުކާރުން ފަށާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެވެށި އަނިޔާއިން ސަލާމަތްކޮށްދިނުމުން ފެށިގެން ގޮސް، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ހަމައަށް، އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެއްވާ އެލަވަންސް، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، އަންނަ އަހަރު ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން 12،000 ރުފިޔާއާ ހަމައަށް ބޮޑުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މިސަރުކާރުން ވާނީ އައިނު ހެއްދުމަށްޓަކައި ކުރިން ލިބޭ އަދަދު ދެ ގުނައަށް ބޮޑުކޮށްދީފައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އަތުން އެއްޗެއް ޚަރަދުކުރަން ނުޖެހި ފެންވަރު ރަނގަޅު އައިނު ހެދުމުގެ ޚިދުމަތް ރައްޔިތުންނަށް ދޭންފަށާފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިންމެވުމަކީ ބައެއް ފަރާތްތަކުގެ މެދުގައި އެންމެ މަޤްބޫލު ނިންމުމަކަށް ނުވި ނަމަވެސް، އެކަން ކުރެއްވީ ރައްޔިތުންގެ ވިންދާއި އިހުސާސާ ގުޅޭ އެންމެ ރަނގަޅު ނިންމުމަކީ އެއީކަން އެމަނިކުފާނަށް ޔަޤީންވެވަޑައިގަންނަވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިސްރަށްވެހިންގެ އިޖުތިމާޢީ ރައްކާތެރިކަމަކީ ވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި، ދާދި ފަހުންވެސް އައްޑޫ ސިޓީގައި އިސްރަށްވެހީންގެ މަރުކަޒެއް ބިނާކުރުމަށް ސޮއިކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.



ޚިޔާލުތައް