ފުވައްމުލަކުގައި ކުށްމަދު އަމާން ވެށްޓެއް ޤާއިމްކުރުމުގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުގެ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޮންފަރެންސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ފުވައްމުލަކުގައި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުން އުޅެމުންދާކަން ފާހަގަކުރައްވައި އެފަދަ މީހުން މައްސަލަތައް އަވަސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށެވެ.
މިބައްދަލުވުމުގައި ފުލުހުންނަށް މަސައްކަތްތަކަށް ދިމާވާ ދަތިތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުންނާއި މިހާރަށްވުރެ ބޮޑަށް ފުލުހުންނާ ކޯޓު ގުޅިގެން ފުވައްމުލަކަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ބައްދަލުވުމުގައި ޏ.އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާން އާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހީމް މަޢުރޫފްގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒް އަޙްމަދު އަކްރަމް އާއި ފުވައްމުލަކު މެޖިސްޓްރޭޓް އަލްއުސްތާޒާ ޝީރީން ނާހިދާ ލަތީފް ބައިވެރިވެލެއްވިއެވެ.
ބައްދަލުވުމުގައި ބައިވެރިވި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު އަކްރަމް ވިދާޅުވީ ފުލުހުން ދެންވާ އެއްބާރުލުމާއި އެހީތެރިކަން ދެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ދެއްވާނެކަމަށާއި ފުލުހުންނާއި ގުޅިގެން ފުވައްމުލަކަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމެވެ. އަދި ފުވައްމުލަކަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޚިޔާލުތައް