ފުވައްމުލަކު ނައިބު ތުއްތު މަގުގައި ރޭ ތިން ސައިކަލް ޖެހި ހިނގި އެކުސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
މަންޒަރުދުށް މީހަކު މިކަލް ނޫހަށް މައުލޫމާތު ދިންގޮތުގައި ނައިބު ތުއްތު މަގުގެ ފުނާޑާއި ދޫނޑިގަން ގުޅޭ ސަރަހައްދުގައި އެކުސިޑެންޓް ހިނގަން ދިމާވީ މަގުގެ އެއްކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެއްސައިކަލް ކަހާލައިގެން ގޮސް ކުރިމަތިން މަގުގެ އަނެއްކޮޅުން އައިސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި ކަހާލައިގެން ދިޔަ ސައިކަލުގައި ތިބި އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްކަމަށެވެ. މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ބޮޑަށް އަނިޔާވެފައިވަނީ އެކުސިޑެންޓްގައި ކަހާލައިގެން ދިޔަ ސައިކަލުގައި ތިބި އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް ކަމަށެވެ. އަދި އެމީހުން އަތޮޅު ހޮސްޕިޓަލުގައި މިހާރުވެސް ފަރުވާދެމުން އެބަގެންދެއެވެ. އަނިޔާވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ. އަންހެންކުއްޖާގެ މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ފިރިހެން ކުއްޖާގެ ފަޔަށްވެސް އަނިޔާތަކެއް ލިބިފައިވެއެވެ. އަނެއް ތިން މީހުނަސްވެސް އެކިވަރުގެ އަނިޔާތަކެއްވެ ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ. އަދި ސައިކަލްތަކަށްވެސް ގެއްލުންތަކެއް ވެފައިވެއެވެ.
ފުވައްމުލަކު ނައިބު ތުއްތު މަގުގައި ވަރަށް ގިނައިން އެކުސިޑެންޓްތައް ހިނގަމުން ދެއެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ދެ ސައިކަލެއް ޖެހި ހިނގި އެކުސިޑެންޓެއްގައި ދެމަފިރިއަކާއި އިތުރު މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އާންމުކޮށް ރޭގަނޑު ވަގުތުތަކުގައި ނައިބުތުއްތު މަގުން ބާރުސްޕީޑްގައި ސައިކަލް ދުއްވާކަން ފާހަނގަކުރެވެއެވެ. ނަމަވެސް އެގަޑިތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުން ހަރަކާތްތެރިއެއް ނުވެއެވެ. އާންމުގޮތެއްގައި ފުލުހުން ޓްރެފިކް ބެލެހެއްޓުމަށް ހަރަކާތްތެރިވަނީ ހަފްތާ ބަންދު ދުވަސްތަކުގެ ހަވީރު ގަޑީގައެވެ.



ޚިޔާލުތައް