ދަޑިމަގު ކައުންސިލުން ކުރިޔަށް ގެންދާ “ތިމާވެށި ފަލަސަ” ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން އިއްޔެ އެއަވަށުގެ ނެރަގަނޑު އަތިރި ސަރަހައްދު ސާފުކޮށްފިއެވެ. ސާފުކުރުމުގައި އިއްޔެ ބައިވެރިވެފައި ވަނީ ދަޑިމަގު އަވަށުގެ ރައްޔިތުންނާއި ފުލުހުން ކަމަށް ކައުންސިލްގެ ރައީސް ހުސޭން ފަހުމީ މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅު ވިއެވެ.
ފުވައްމުލަކުގެ ހުރިހާ ކައުންސިލަކަށް ވެސް ބައިވެރިވުމަށް ދައުވަތު ދެވުނުކަމުގައި ވިޔަސް އިއްޔެގެ ސާފުކުރުމުގައި އެހެން ފަރާތަކުން ބައިވެރިވެފައެއް ނުވެއެވެ.
ކައުންސިލްގެ ރައީސްގެ ކަންބޮޑުވުންތައް ހާމަކުރައްވަމުން ވިދާޅުވީ ވަނީ ނެރަގަނޑު ފަންނު މެދަށް ލައްގާފައިވާ ފައިބަރު މަސްދޯނީގެ ބައިތައް އެތަނުން ނެގޭނެ ގޮތެއް ނުވެގެން އުޅޭކަމަށެވެ. އެދިމާލުން ބޭރުން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ދޫނޑިގަމު އަހުމަދުގެ (ކުރީގެ އެޗްޕީ އަޙުމަދު) ފައިބަރު ދޯނީގެ ބައިތައް މިހާރުވަނީ ފަންނުމެދަށް ލައްގައި އެހިސާބުގެ ރީތިކަން ގެއްލިފައެވެ.
އެދޯނީގެ ބައިތައް އެކިފަހަރު ވަޔާ އެކިދިމާލަށް އެނބުރޭކަމަށާއި އެއިގެ ސަބަބުން އެހިސާބަށް ކުޅެން ގޮސް އުޅޭ ކުދިންނަށް ނުރައްކަލަކާއި ވެސް ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތްކަމަށް ވެއެވެ.
“އެއީ އަޅުގަނޑުމެންނަށް ނެގޭ ވަރަށްވުރެ މާ ބޮޑު (ދޯނީގެ) ބައިތަކެއް.” ފަހުމީ މައުލޫމާތު ދިނެވެ. އަތޮޅު ކައުންސިލުގައި އެދިގެން ވެސް އެ ދޯނީގެގެ ބައިތައް އެތަނުން ނެގޭ ގޮތް އަދި ވަނީ ނުވެފައި ކަމަށް ވިދާޅުވުއެވެ.
ޚިޔާލުތައް