ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ޖޭޕީގެ ފައުންޑާރ ގާސިމް އިބްރާހިމް އާއި ޖޭޕީގެ ރައީސް އަލީ ވަހީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ސިޔާސީ ހިމާޔަތް ހޯއްދަވައިގެން، ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ މިތިން ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެއިން ބޭރުގައި ހުންނެވީ ބޭސްފަރުވާގެ ކަންތައްތައް ނުނިމިގެންކަމަށާއި ގަވާއިދުން މިހާރުވެސް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޖަލުގައި ނުހެންނެވޭނެކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް ބުނެ އުފުލި ދައުވާގައި، ތިން އަހަރަށް ޖަލަށްލާފައި ވަނިކޮށް، ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ. އެ ގައުމަށް ފޮނުވުމުން، ޖަރުމަނަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދެވީ އެވެ.
ޖަމީލް، އިނގިރޭސިވިލާތަށް ވަޑައިގަތީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުންނެވެ. އަލީ ވަހީދު ވަޑައިގަތީ، މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން އޭނާގެ މައްސަލައެއް ތަހުގީގު ކުރަން ފެށުމުންނެވެ.
ޚިޔާލުތައް