މިރޭ 11 ޖަހާ އެހާކަށް ހާއިރު ހޯދަޑު އަވަށުގެ ގުރޫޕަކާއި ދޫނޑިގަމު ބަޔަކާއި ދެމެދު ހިގި ހަމނުޖެއްހުމެއްގައި ހޯދަޑު އަވަށުގެ 4 މީހަކަށާއި ދޫނޑިގަމު 1 ގެ ގަޔަށް ވަޅި ޖަހައިފިއެވެ. މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ހޯދަޑު ކައުންސިލްގެ ރައީސް އަބްދުއްﷲ ނާސިރު ވިދާޅުވި ގޮތުގައި މިހާދިސާ ހިގީ 7 ސައިކަލުގައި ދޫނޑިގަމު އަވަށުގެ ގުރޫޕެއް ހޯދަޑު އަވަށަށް އަރައިގެން ގޮސް ކުއްލިއަކަށް ވަޅިން ހަމަލާ ދިނުމުންނެވެ. ހޯދަޑު އަވަށުގެ ކުދިން އެއިރު ތިބީ ބާޒު ސަރހައްދުގައި ހުރި ފިހާރައެއްގެ ކައިރީ ކުޅެން ކަމަށް ވެއެވެ. އެއައާއި ވިދިގެން ހޯދަޑު އަވަށުގެ ކުދިން ވެސް ރައްދުގައި ދޫނޑިގަމު އަވަށުގެ ކުދންނަށް ހަމަލާދީފައި ވެއެވެ. ދޫނޑިގަމު އަވަށު ކުދިން ހޯދަޑަށް އަންނަން ޖެހުނީ ކޮންމެ ވެސް އެހެން ވަގުތެއްގައި ދެއަވަށުގެ ދެގުރޫޕެއްގެ ދެމެދުގައި ހިނގާފައިވާ ޒުވާބަކާއި ގުޅިގެން ކަމަށް ވެއެވެ.
ހޯދަޑު ހަވިއްތަ މަގުން ބާޒު ކިޔާ ގެ ހިމެނޭ ސަރަހައްދުގައި (ވަލިބުރި) ހިނގި މިމާރާމާރީގައި ވަޅިޖެހި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސިރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާދިސާގައި ސިރިއަސް އަނިޔާ ވި ދެ މީހުންނަށް ފަރުވާ ދިނުމަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ވަނީ އެދުމަތި ކުރެވިފައެވެ. އެދެމީހުންގެ ބަނޑަށާއި މެޔަށް ވަޅިން ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އެ ދެމީހުންނަށް އިތުރު ފަރުވާ ދިނުމަށް އައްޑުއަށް ފޮނުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ފުވައްމުލަކު ހޯދަޑު އަވަށާއި ދޫނޑިގަމު އަވަށަކީ ޒަމާނުއްސުރެ ދެކޮޅުވެރިކަން ބޮޑު ދެއަވަށެވެ. މިދެއަވަށުގެ ދެމެދުގައި ކުރިން ހިގައިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ހޯދަޑު ގެ ޒުވާނަކާއި ދޫނޑިގަމު ޒުވާނެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. އަދި ވަޅީގެ އެތައް ހަމަލާތަކެއް ދެފަރާތުން ބަދަލުކޮށްފައި ވެއެވެ. ނަމަވެސް ދާދި ފަހުން މިދެއަވަށުގެ މެދުގައި ސުލްހަކުރު އަތޮޅު ކައުންސިލް މެދުވެރިވެގެން ވާހަކަދައްކާފައި ވެއެވެ.
ގިނަ މީހުން ބުނާ ގޮތުގައި މިހަމަނުޖެހުންތަކުގެ އަސްލު ފެށިފައި ވަނީ ވަރަށ ްކުރީއްސުރެ ދެއަވަށުގެ ޒުވާނުްނގެ މެދުގައި ދިމާވާ އަންހެން ކުދިންގެ މައްސަލތަކުގައެވެ. ނަމަވެސް މިހާރު މިހަމަނުޖެހުންތައް ވަނީ އެތައް ދިމަދިމާއަކަށް ކަފިކަފިވެ ފައެވެ.
ޚިޔާލުތައް