ދިވެހި ސަރުކާރުން އިއްޔެ އިއުލާން ކުރި ކުއްލި ހާލަތާއި ގުޅިގެން ވަގުތީ ގޮތުން ހިފެހެއްޓުނު އިންސާނީ ހައްގުތަކާއި ގުޅޭ މާއްދާ ވަގުތުން އުވާލުމަށްފަހު ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ދިވެހި ސަރުކާރަށް ބައިނަލް އަގްވާމީ ފަޑިޔާރުންގެ ޖަމްއިއްޔާ “އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް” (އައިސީޖޭ) އިން ގޮވާލައްވައިފިއެވެ.
ކުއްލި ހާލަތު އިއުލާން ކުރީ ބައެއް ގްރޫޕްތަކުން ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްފާނެ ކަމުގެ މައުލޫމާތު ލިބިގެން ކަމަށްވާތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވިގެން ނުވާނެ ކަމަށް ދެކުނު އޭޝިޔާގެ ސީނިއަރ ލީގަލް އެޑްވައިޒަރ ނިކިލް ނަރަޔަން ހާމަކުރެއެވެ. ކުއްލި ހާލަތް ތަކުގައި އިންސާނީ ހައްގުތައް ހިފެހެއްޓުމާއި ހަނިކުރުމާއި ގުޅޭގޮތުން ބައިނަލް އަގްވާމީ ގާނޫނުތަކުން ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ނަރަޔަން ހާމަކުރެއެވެ.
އައިސީޖޭގެ އިތުރުން އިގިރޭސި ވިލާތުންވެސް ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލައިފައެވެ.
އިއްޔެ މެންދުރު 12:00 އިން ފެށިގެން ރާއްޖޭގައި ކުއްލިހާލަތު އިއުލާން ކޮށްފައި ވާއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނު ކުރައްވަން މިޖެހިވަޑައިގަތީ، 28 ސެޕްޓެމްބަރު ގައި ރިޔާސީ ލޯންޗު “ފިނިފެންމާ” ގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ދެ ސަރަޙައްދަކުން ނުރައްކާތެރި ހަތިޔާރާއި ގޮވާ ތަކެތި ފެނިފައިވާތީ އާއި، މީގެ ތެރެއިން ބައެއް ހަތިޔާރު އަދިވެސް މަދުވާ ކަމަށާއި، ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ބަޔަކު މަސައްކަތްކުރާކަމުގެ ކަށަވަރު މަޢުލޫމާތު ލިބިފައިވާތީ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމަށް އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވެފައިވެއެވެ.
އިއްޔެ އިއުލާން ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގާނޫނު އަސާސީގެ 19، 24، 31 ،32، 41، 45، 47، ވަގުތީ ގޮތުން ހިފެހެއްޓިފައި ވެއެވެ.
ޚިޔާލުތައް