އަންނަ އާދީއްތަ ދުވަހު ފެށޭ މިއަހަރުގެ ދިރާސީ އަހަރުގައި ޏ.އޭއީސީގެ ދަރިވަރުން ސްކޫލަށް ދާންޖެހޭ ގަޑިތައް އެސްކޫލުން އާއްމުކޮށްފިއެވެ. މިއަދު އެސްކޫލުން އާއްމުކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހު ހުރިހާ ދަރިވަރުން ވެސް ސްކޫލަށް އަންނަން ޖެހެނީ ހެނދުނު 8:00 އަށެވެ. އަދި އާދިއްތަ ދުވަހު ދަރިވަރުން ނިމޭނީ ހެނދުނު 9:30 ގައެވެ.
ނަމަވެސް އާދިއްތަ ދުވަހަށް ފަހު (14 ޖެނުއަރީން ފެށިގެން) ސްކޫލުގެ ކިޔެވިން ފަށާ ރަސްމީގަޑި އަކީ ހެނދުނު 7:00 އެވެ. އަދި ނިމޭނީ 12:35 ގައެވެ.
ދަސްވާރު ކުދިންނާއި ބީޓެކް ހަދާ ކުދިން ނިމޭގަނީޑތައް އެއަށްވުރެ އަވަހެވެ.
ދަސްވާރު ޕްރޮގްރާމުގެ ދަރިވަރުން ހެނދުނު 8:00 – 10:00 އަށް.
ބީޓެކް ޕްރޮގްރާމްގެ ދަރިަވރުން ހެނދުނު 8:00 – 11:25 އަށް.
އަލުން ޏ.އޭއީސީގައި މިއަހަރު ފަށާ ގްރޭޑް 7 ގެ 1 ކްލާހާއި ގްރޭޑް 8 ގެ 2 ކްލާހާއި ގްރޭޑް 9ގެ 3 ކްލާސް ވަރު ވާނެކަމަށް ވެއެވެ.
ޏ.އޭއީސީ އަކީ މިސަރުކާރުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމުގައި ހިމެނޭ ސްކޫލެއް ކަމުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ކަންތައްތައް ވެސް އެސްކޫލުގައި ރޭވެމުން ދާކަމަށް މައުލޫމާތު ލިބެއެވެ. ފުރަތަމަ ދުވަހު ބާއްވަނީ، ދޮޅު ގަޑިއިރުގެ ކުރު ސެޝަނަކަށް ވުމުން ފަހަރެއްގައި ފުރަތަމަ ދުވަހު އެސްކޫލުން ނާސްތާގެ ޕްރޮގްރާމް ނުފަށާފާނެއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްްޓްރީން ވަނީ ޕައިލެޓް ޕްރޮގްރާމުގެ 25 ސްކޫލުގައި ވެސް 13 ޖެނުއަރީގައި ނާސްތާ ދޭނެކަމަށް ވިދާޅުވެފައެވެ.
ގްރޭޑް 7ން 12 ށް ކިޔަވައިދޭ ޏ.އޭއީސީގައި އަލުން ގްރޭޑް 7 އާއި 8 ވަނީ މިއަހަރު އުފައްދާފައެވެ. މި ސްކޫލުގެ ހުރިހާ ދަރިވަރުން ވެސް މިއަހަރު ވެސް ކިޔަވާނީ އެއް ސެޝަނެއްގައެވެ.
މިދުވަސްކޮޅު ސްކޫލްހިންގުމުގެ އިސްވެ ހަވާލުވެހުންނެވީ ޑެޕިއުޓީ ޕްރިންސިޕަލް އީނާސް އަލީ އެވެ. ޕްރިންސިޕލް އަޒުލީނާ ސްކޫލަށް ނުނިކުންނަ ކަމަށް ވެއެވެ. ޕްރިންސިޕަލް އަޒުލީނާއާއި މެދު ގިނަ ބެލެނިވެރިންތަކެއްގެ ހިތް ހަމަނުޖެހުން ފާއިތުވި ދުވަސްތަކުގައި ފާޅުކޮށްފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލުން އަނބުރާ އެއްސެޝަނަށް ހުރިހާ ސްކޫލެއް ބަދަލު ކުުރާމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން މިއަހަރުގެ ކިޔެވުން ފެށޭއިރު 134 ސްކޫލެއްގައި ކިޔަވާނީ އެއް ދަންފަޅިއަށް ކަމަށް އެޑިއުކޭޝަން މިނިސްްޓަރު ވަނީ ވިދާޅުވެފައެވެ. ބާކީ ހުރި 75 ސްކޫލުގައި، އޭގެތެރޭގައި ފުވައްމުލަކުގައި ކިޔަވައިދޭ އެމްޖޭއެސް އާއި ހާފިޒު އަހުމަދު ސްކޫލު ވެސް ހިމެނޭ ގޮތުން، އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތައްތައް ބަލަމުން އަންނަކަމަށް ވެއެވެ.
މުޅި ރާއްޖޭގައި މިއަހަރު 75035 ދަރިވަރުންނާއި އެކ9800 އަސް ވުރެ ގިނަ ޓީީޗަރުން ތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޚިޔާލުތައް