ރައްޔިތުންގެ މަޖުލީހުގައި ފުވައްމުލައް ސިޓީން ވާދަ ކުރާ އެމްޑީޕީގެ 3 ކެންޑިޑޭޓުންގެ ވެސް މާލީ ބަޔާން އެޕާޓީން އިއްޔެ ހާމަކޮށްފިއެވެ. މިއީ އެމްޑީޕީން ކުރިން އިއުލާންކޮށްފައިވާ ގޮތަށް އެޕާޓީގެ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ފަށައިގެން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން މާލީ ބަޔާން އާއްމު ކުރި ފުރަތަމަ ފަހަރެވެ.
އެގޮތުން އެޕާޓީގެ ރައީސް، އަދި މައްޗަންގޮޅި މެދު ދާއިރާގެ މަޖުލިސް ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ މާލީބަޔާން ވެސް ހާމަކޮށްފައި ވެއެވެ.
ނަޒާހަތްތެރިކަން ޔަގީންކޮށްދިނުމުގެ ގޮތުން އެހެން ކެންޑިޑޭޓުން ވެސް މިނަމޫނާ އާއި އެއްގޮތަށް މާލީ ބަޔާންތައް ހާމަކުރުމަށް ގިނަބަޔަކު ގޮވާލައެވެ.
މުހައްމަދު ރަޝީދު (ދޮންބެ) – ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ މާލީ ބަޔާން
ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު، ހޯދަޑު، ހަރުމަލުގެ. މުހައްމަދު ރަޝީދުގެ މާލީ ބަޔާނުގައި ވާގޮތުން އަމިއްލަ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނީގެ މައުލޫމާތުގެ ގޮތުގައި 1.2 މިލިޔަން ރުފިޔާ ވިޔަފާރީގެ ނަފާގެ ގޮތުގައި ފާއިތުވި 2018 ވަނަ އަހަރު ލިބިފައިވާ ކަމަށް ވެއެވެ.
އަމިއްލަ ނަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޑިޕޮސިޓް ކުރެވިފައިވާ ފައިސާއަކީ ބޭންކްއޮފް މޯލްޑިވްސްގެ ދިވެހި ރުފިޔާ އެކައުންޓްގައި ހުރި 6408.76 ދިވެހި ރުފިޔާއާއި ޑޮލަރު އެކައުންޓްގައި ހުރި 0.16 އެމެރިކާ ޑޮލަރު ކަމަށް މާލީ ބަޔާނުގައި ވެއެވެ.
އަމިއްލަ ނަމުގައި ލޯނުގެ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން 3.3 މިލިޔަން ރުފިޔާގެ ނާގާފައިވާ އިރު އެލޯނުގައި ނުދެއްކި އަދި 2.4 މިލިޔަން ރުފިޔާވަރު އެބަހުރި ކަމަށް ވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ލިބެންޖެހޭ އަދި ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ނެތް ކަމަށް ވާއިރު އަމިއްލަ ނަމުގައި ހުޅުމާލެއިން 3.5 މިލިޔަން ރުފިޔާއަށް ގަނެފައިވާ ބިމަކާއި އެބިމުގައި 5 ބުރިއަށް އިމާރާތްކޮށްފައިވާ 8 މިލިޔަން ރުފިޔާގެ އިމާރާތެއް އެބަހުއްޓެވެ.
މީގެ އިތުރުން ކުންފުނީގެ ހިއްސާގެ ގޮތުގައި ދޮންބެޒް ޕވޓ ލޓޑ ގެ %90 ހިއްސާ އޮތްކަމަށް ބަޔާން ކޮށްފައި ވެއެވެ.
ވުމާއެކު ދޮންބެގެ މިލްކިއްޔާތުގައި އަރަނީގެ ގޮތުގައި 12796000 (ބާރަ މިލިޔަން ހަތްސަތޭކަ ނުވަދިހަ ހަހާސް) ދިވެހި ރުފިޔާ ހުރި އިރު ދަރަނީގެ ގޮތުގައި 2362000 (ދެ މިލިޔަން ތިންސަތޭކަ ފަސްދޮޅަސް ދެހާސް) ރުފިޔާ އެބަހުއްޓެވެ. ދަރަިނި ކަނޑާލުމުން ބާކީ ދޮންބެގެ މިލްކިއްޔާތުގައި 10434000 (ދިހަ މިލިޔަން ހަތަރު ސަތޭކަ ތިރީސް ހަތަރު ހާސް) ރުފިޔާ އެބަހުއްޓެވެ. މީގެ ތެރެއިން 11.5 މިލިޔަނަކީ ގެއާއި ގޯތީގެ އަގެވެ.
ހުސޭން މުހައްމަދު ދީދީ – ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ މާލީ ބަޔާން
ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު، މާލެގަމ،ު ހުނުބޮލި، ހުސޭން މުހައްމަދު ދީދީގެ މާލީ ބަޔާނުގައި ވާގޮތުން އަމިއްލަ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލހަތުތަކާއި، އަރަންޏާއި ދަރަނީގެ މައުލޫމާތުގެ ގޮތުގައި މުސާރައާއި، ރެންޓް އެލަވަންސް، އަދި ޑައިރެކްޓަރސް އެލަވަންސް ގެ ގޮތުގައި ޖުމްލަ މުސާރައިގެ ގޮތުގައި 42500 ރުފިޔާ ލިބޭކަމަށް ބަޔާންކޮށްފައި ވެއެވެ.
އަމިއްލަ ނަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޑިޕޮސިޓް ކުރެވިފައިވާ ފައިސާއަކީ ބޭންކްއޮފް މޯލްޑިވްސްގެ ދިވެހި ރުފިޔާ އެކައުންޓްގައި ހުރި 14692.90 ދިވެހި ރުފިޔާއާއި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި 16.40 ރުފިޔާ ކަމަށް މާލީ ބަޔާނުގައި ވެއެވެ.
އަމިއްލަ ނަމުގައި ނަގާފައިވާ ލޯނުގެ ނެތްއިރު، އަމިއްލަ ނަމުގައި ފްލެޓެއް ގޯއްޗެއް އަދި އިމާރާތެއް ވެސް ނެތެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލިބެންޖެހޭ އަދި ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް ނެތް ކަމަށް ވެއެވެ.
ހުސޭން މުހައްމަދު ދީދީގެ އަމިއްލަ ނަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕާރޓްނަރޝިޕް ނުވަތަ ކުންފުނީގެ ގޮތުގައި ދެ ކުންފުންޏެއް ހިމެނެއެވެ. އެގޮތުން 2011 ވަނަ އަހަރު ގަތް ވެސްޓްރޭޑް ޕވޓ ލޓޑގެ %24 ހިއްސާއަށް ވާ 24000 ރުފިޔާއާއި 2017 ވަނ އަހަރު ގަތް ކޯމަސް ގެލަރީ ޕވޓ ލޓޑގެ %50 ހިއްސާއަށް ވާ 50000 (ފަންސާސް ހާސް) ރުފިޔާ ހިމެނެއެވެ.
ހުސޭންގެ މަހު މުސާރައަށް ބުނެފައިވާ 42500 ރުފިޔާ އަހަރަކަށް ބަލައި އެހެން ބައިތަކާއެކު އޭނާގެ މިލްކިއްޔާތުގެ އަގަކީ 584000 (ފަސް ކައްކަ އަށްޑިހަ ހަތަރު ހާސް) ދިވެހި ރުފިޔާ ކަމަށް ބެލވިދާނެއެވެ.
މުހައްމަދު މުމްތާޒު – ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ މާލީ ބަޔާން
ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު، ދޫނޑިގަމ،ު ޒީނިޔާ، މުހައްމަދު މުމްތާޒުގެ މާލީ ބަޔާނުގައި ވާގޮތުން އަމިއްލަ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނީގެ މައުލޫމާތުގެ ގޮތުގައި، ވިޔަފާރީގެ ނަފާއާއި މުސާރައާއި، ކުލީގެ އެލަވަންސް، ގެ ގޮތުގައި ޖުމްލަ 153000 ރުފިޔާ ލިބޭ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އަމިއްލަ ނަމުގައި ރާއްޖެއިން ބޭރުގައި އެކައުންޓެއްގަިއ ފައިސާ ނެތް ކަމަށާއި ރާއްޖޭގައި ޑިޕޮސިޓް ކުރެވިފައިވާ ފައިސާއަކީ ބޭންކްއޮފް މޯލްޑިވްސްގެ ދިވެހި ރުފިޔާ އެކައުންޓްގައި ހުރި 25000 ދިވެހި ރުފިޔާއއެވެ.
އަމިއްލަ ނަމުގައި ނަގާފައިވާ ލޯނެއް މިހާރު ނެތްއިރު، ކޯޓު އަމުރެއްގެ ދަށުން ލިބެންޖެހޭ އަދި ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް ނެތް ކަމަށް ވެއެވެ.
މީގެ އިތުރުން އަމިއްލަ ނަމުގައި ފްލެޓް، ގެ އަދި ގޯތީގެ ގޮތުގައި އޮތީ ދޫނޑިގަމު އަވަށުގައި އޮތް ވިވިއާނާ ކިޔާ ބަންޑާރަ ގޯތި އެކަންޏެވެ.
އަމިއްލަ ނަމުގައި ރާއްޖެއިން ބޭރުގެ ޕާރޓްނަރޝިޕް ނުވަތަ ކުންފުންޏެއް ނެތް އިރު ރާއްޖޭގައި ޕާރޓްނަރޝިޕެއްގެ ގޮތުގައި އޯސީސީ ޕވޓ ލޓޑ ގެ %80 ހިއްސާއަށް ވާ 80000 (އަށްޑިހަ ހާސް) ރުފިޔާ އެބަހުއްޓެވެ.
މުމްތާޒުގެ މުސާރައާއި އެލަވަންސްގެ ގޮތުގައި ބަޔާންކޮށްފައިވާ 50000 (ފަންސާސް ހާސް) ރުފިޔާ އަހަރަކަށް 6 ލައްކަ ކަމަށް ބަލައި ގޯތި އަގަކީ 2 ލައްކަ ރުފިޔާ ކަމަށް ބެލުމުން އޭނާގެ މިލްކިއްޔާތުގެ އަގަކީ 1008000 (އެއްމިލިޔަން އަށްހާސް) ދިވެހި ރުފިޔާ ލަފާކުރެވިިދާނެއެވެ.

އެމްޑީޕީ ކެންޑިޑޭޓުނެގެ ލަފާކުރެވޭ މިލްކިއްޔާތު 2019 ފެބްރައރީ
ޚިޔާލުތައް