ފުވައްމުލަކު ދިގުވާނޑު އަވަށުގައި ރޭ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެއެވެ. ރޭ ދަންޖެހިގެން މަރުވެފައިވަނީ ދިގުވާނޑު ކައިރުގޭ އުމުރުން 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.
އިއްޔެ އެޒުވާނާ ގެއިން ނިކުމެގެން ދިޔަފަހުން އެގޭގެމީހުންނާއި ފުލުހުން ވެގެން ވެސް ހޯދާ ނުފެނި ވުމަށްފަހު މިއަދު ހެނދުނު ފެނުނީ ކައިރުގޭ ކައިރީގައި ހުރި މީހުން ނޫޅޭ، ހަވާ ނަމަކަށްކިޔާ ފަޅުގެއެއްގެ (އަސްރަފީގޭ ގޯތީގައި ހުރި ގެއެއް) ތެރޭގައި ދަންޖެހިގެން މަރުވެފައި ހުއްޓައި އާއިލާ މީހުންނަށެވެ.
މިކަލް ނޫހަށް އެގިފައިވާ ގޮތުގައި އިއްޔެ ހަވީރު ގޭތެރޭގައި ޖެހުނު މައްސަލައެއްގައި ގެއިން ނުކުމެގެންދިޔައީ އަނބުރާ ނާންނާނެ ކަމަށާއި އޭނާގެ ފަރާތުން އިތުރު އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށް ބުނެފައެވެ. އެގޭގެ މީހުން އޭނަޔާއި ދިމާލަށް “ލައްވާ ހަޅޭ” ކުގެ އަޑު އިތުރަށް އަހަން ހުންނަން ބޭނުން ނުވާކަމަށް ވެސް ބުނިކަމަށެވެ. އަދި ގެއިން ނިކުމެގެން ދިޔައީ އޭނައަށް ކުރެވިފައިވާ ކަންކަމަށް މަޢާފަށް ވެސް އެދިފައި ކަމަށް ވެއެވެ.
މިކަލް ނޫހަށް މައުލޫމާތު ދިން ދިގުވާޑު އަވަށުގެ ކައުންސިލަރަކު ވިދާޅުވީ އިއްޔެ ހަވީރު ގޭތެރޭގައި ވެވުނު ދެބަސްވުމަކަށްފަހު ގެއިން ނިކުމެގެން އެޒުވާނާ ދިޔަގޮތަށް އެގޭގެ މީހުންނާއި ފުލުހުންނަށް ވެސް ހޯދާ ނުފެނިފައިވާ ކަަމަށެވެ.
އަދި މިކަން ފުލުހުންނަށް ރިޕޯޓުކުރިކަމަށް އާއިލާ ފަރާތުން ބުންޏެވެ.
މަރުވި ޒުވާނާއަކީ އެކިއެކި ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފައިވާ ފަރާތެއް ކަމަށް އެހިސާބުގެ މީހަކު ކިޔައިދިނެވެ. އިއްޔެ ގޭގެ މީހުންނާއި ދެބަސް ވާން ޖެހުނީވެސް މީހެއްގެ ސައިކަލެއްގެ މަޑިދަށުން އެޒުވާނާ އެއްޗެއް ނެގުމުގެ މައްސަލައެއްގައި ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. ދާދި ފަހުން އެޒުވާނާ ފުލުހުންގެ ބަންދުގެ ދަށުން ދޫކޮށްގެން ގެއަށް އައުމުން، އާއިލާ މީހުން އޭނާ ބަންދުވާން ޖެހުނު މައްސަލަގައި ވާހަކަ ދެއްކުމުން އެކަމަށް އޭނާ ނުރުހި ގެއިން ނިކުމެގެން ދިޔައީ ކަމަށް އާއިލާ މީހުންނާއި ހަވާލާދީ މިކަލް ނޫހަށް މައުލޫމާތު ދިން އަވަށްޓެރިއަކު ބުންޏެވެ. އަދި އޭނާ އަކީ ޒުވާނުން ޖެހިގެންއުޅޭ ވަބާގެ ޝިކާރަވެރިއެއް ކަމަށް ވެސް އެފަރާތުން ބުންޏެވެ.
ޚިޔާލުތައް