ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލައް ސިޓީގެ އެމްޑީޕީ ގެ ކެންޑިޑެޓުންނަށް ލިބުނު ބޮޑު ކާމިޔާބީގެ އުފާފާޅު ކުރުމަށް ރޭ އުތުރު ދާއިރާއާއި މެދު ދާއިރާގައި ހުޅުވާލާފައިވާ ބޮޑު ދެ ޕާޓީ ބާއްވައިފިއެވެ.
އުތުރު ދާއިރާގެ އިންތިޚާބުގައި މުހައްމަދު ރަޝީދު (ދޮންބެ) ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި ބޮޑު ޕާޓީއެއް ބޭއްވީ އަނބުލު ފަންނު ގައެވެ. މިޕާޓީގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.
ދޮންބެ ވެފައި ވަނީީ މުޅި ރާއްޖެއިން ވެސް މި އިންތިޚާބުގައި 5 ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ކެންޑިޑޭޓަށެވެ. މިއީ ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ދޮންބެ ވަނީ އިންތިޚާބުގައި ވާދަކުރި މިހާރުގެ މަޖުލިސް މެންބަރު އަލީ ޝާހުއަށް ލިބުނު ވޯޓަށް ވުރެ އިތުރަށް 588 ވޯޓު ހޯދާފައެވެ. މިއީ މަޖުލިސް އިންތިޚާބުގެ ބައެއް ދާއިރާ ތަކުގައި އިންތިޚާބުވުމަށް ބޭނުންވާ ޖުމުލަ ވޯޓާ ދާދި އެއްވަރު އަދަދެކެވެ.
ދޮންބެ ވަނީ އިންތިޚާބު ކާމިޔާބުވުމާއެކު ދާއިރާގެ ގޭގެއަށް ޒިޔާރަތްކޮށް އެންމެނަށް ޝުކުރު ދަންނަވާފައެވެ.
މެދު ދާއިގެ ކެންޑިޑޭޓް ހުސޭން މުޙައްމަދު ދީދީއަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމަށް ޕާޓީ ބާއްވާފައި ވަނީ ރަސްގެފަންނު ހުސް ބިމުގައެވެ. ރޭގައި ބޭއްވި މިހަފުލާގައި ވެސް ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.
އެމްޑީޕީގެ ހުސޭން މުހައްމަދު މިދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ މިދާއިރާގައި މިހާތަނަށް އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ. ފާއިތުވި މަޖުލިސް 3 އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު މިކަން ސާފުކޮށް އެނގެއެވެ.
ހުސޭން މުހައްމަދު ދީދީ ވެސް ވަނީ އިންތިޚާބު ކާމިޔާބުވުމާއެކު ދާއިރާގެ ގޭގެއަށް ޒިޔާރަތްކޮށް އެންމެނަށް ޝުކުރު ދަންނަވާފައެވެ.
2009 ގެ މަޖުލިސް އިންތިޚާބުގައި މި ދާއިރާއިން 4 ކެންޑިޑޭޓުން ވާދަކުރި އިރު އިންތިޚާބު ކާމިޔާބުކުރި އޭރުގެ އެމްޑީޕީ ކެންޑިޑޭޓް ޝިފާގު މުފީދަށް ލިބިފައި ވަނީ 735 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %38.9 އެވެ.
އެއިގެ ފަހުން 2014ގެ މަޖުލިސް އިންތިޚާބުގައި މި ދާއިރާއަށް ވާދަކުރީ އެމްޑީޕީއާއި ޕީޕީއެމުން ޖުމްލަ 2 ކެންޑިޑޭޓެވެ. އެފަހަރުގެ އިންތިޚާބު ޕީޕީއެމްގެ އަލީ ފަޒާދު (އަލިބެ) ކާމިޔާބުކުރީ 1124 ވޯޓާއެކު ވޯޓުލީ މީހުންގެ %50.9 އިންނެވެ.
މިފަހަރުގެ މަޖުލިސް އިންތިޚާބު ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ޚާލިދު އާއި ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓް ހުސޭން މުހައްމަދު ދީދީ ކާމިޔާބު ހޯދީީ 1429 ވޯޓާއެކު %58 ވޯޓު ހޯދައިގެންނެވެ.
މުލި ރާއްޖޭއިން 65 ގޮނޑީގެ މަޖުލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމުގެ ކާމީޔާބީއާއެކު މިރޭ އެމްޑީޕީއިން ވެސް ވަނީ ބޮޑު ހަފުލާއެއް ބޭއްވުމަށް ތައްޔާރު ވެފައެވެ. މިޕާޓީ ބާއްވަނީ މިރޭ މާލޭ ލޮނުޒިޔާރަތް ކޮޅުގައެވެ.
ޚިޔާލުތައް