ފުވައްމުލަކު ސިޓީގައި ބަހައްޓާހުރި އައިސް ޕްލާންޓުން މިހާރު އައިސް ލިބޭނެ ކަމަށް އެއައިސް ޕްލާންޓް ބަލަހައްޓަމުންދާ މިފްކޯއިން ބުނެފިއެވެ. މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރ މުސްތަފާ ޖަމީލް ވިދާޅުވީ، ފުވައްމުލައް ސިޓީގައި ހުރި އައިސް ޕްލާންޓުން އައިސް ވިއްކުމުގެ ނިޒާމް ހަމަޖެހިފައިވާކަމަށައި، މި ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 25 ޓަނުގެ އައިސް އުފައްދާނެ ކަމަށެވެ.
ފުވައްމުލަކު މަސްވެރިންނަށް އެކަށީގެންވާ މިންވަރަށް އައިސް ނުލިބޭތީ ވަނީ މީގެ ކުރިން ގިނަ ޝަކުވާތަކެއް ކޮށްފައެވެ. އެގޮތުން ކޮންމެ މަސް ކިލޯއަކުން 2 ރުފިޔާ ގެއްލުންވަމުންދާ ކަމަށް ފުވައްމުލަކު މަސްވެރިންވަނީ މިދިޔަ ނޮވެމްބަރު މަހުގައި މިކަލް ނޫހަށް މައުލޫމާތު ދީފައެވެ.
ފުވައްމުލަކުގެ އިތުރުން ހިތަދޫ އާއި، ގދ. ފަރެސްމާތޮޑާއާއި ގއ. ކޫއްޑޫ އާއި ، ދާންދޫ އާއި ގެމަނަފުއްޓާއި ދެއްވަދޫ އާއި ކޮލަމާފުށިން އައިސް ލިބެންހުންނާނެކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ބުނީ، މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅުކަމަށާއި، ޖުމްލަގޮތެއްގައި ދުވާލެއްގެ މައްޗަށް 350 ޓަނުގެ މަސް މިފްކޯއަށް ލިބޭކަމަށެވެ.
ޚިޔާލުތައް