މިއަދު މެންދުރު 11:30 އެހާކަށް ހާއިރު ފުވައްމުލަކު ތުނޑިން މުދަށް އެރި އުޅެނިކޮށް ގަދަ އޮޔާއެކު ބެހިގެންދިޔަަ މީހަކު ސަލާމަތް ކޮށްފިއެވެ. އެމީހާ ސަލާމަތް ކުރީ އެސަރަހައްދުގައި ބަހައްޓާފައި ހުރި ލައިފްގާރޑް ރިންގު (ސަލާމާތީ ރިންގު) ބޭނުން ކޮށްގެން ދަޑިމަގު އަވަށު ޔަޒީލް އަޙުމަދު ކިޔާ ޒުވާނަކާއި ފުވައްމުލަކު ސާރފިން ކުދިން ގުޅިގެން ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން އަލީ ޝަރީފު ހާމަކުރިއެވެ.
މޫދަށް އެރިގެން އުޅެނިކޮށް ބެހިގެން ދިޔަ ޒުވާނާއަކީ ދަޑިމަގު އަވަށުގެ ފަތަން ވެސް ދަންނަ ޒުވާނެކެވެ.
އެޒުވާނާ ފަަތަން ވެގެން ތުނޑީ ދަޑިމަގާއިވީ ފަޅިން މޫދަށް އެރި އުޅެނިކޮށް ގަދަ އޮއިގައި ޖެހި ދަމައިގެން ބޭރަށް ގެންދިޔައީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެތަން ފެނިގެން ޔަޒީލު ގޮސް އެސަރަހައްދުގައި ބަހައްޓާފައި ހުރި ލައިފްގާޑް ރިންގު ހިފައިގެން މޫދަށް އެރިގެން ގޮސް އޭނާ ސަލާމަތް ކުރީ އެވެ.
މިއަދު އެސަރަހައްދުގައި ވަރަށް އޮއި ގަދަ ކަމަށާއި ހުސްއަތާއި ފައިން ފަތާފައި އެއްގަމަށް އެރޭވަރަށް ވުރެވެސް މާ އޮއިގަދަ ކަމަށް ޔަޒީލު އާއި ހަވާލާދީ އަލީ ޝަރީފު ހާމަކުރިއެވެ. ވުމާއެކު ގެނބެމުން ދިޔަ މީހާއާއި ޔަޒީލުއާއި ދެމީހުން ރިންގުގެ އެހީގައި މަޑުމަޑުން ގަދަ އޮޔާއި ދެކޮޅު ނުވާގޮތަށް ރަށް އަތުވޭތޯ ފަތަފަތައި ތިބީ ކަމަށް ވެއެވެ.
އެގޮތަށް ފަތަފަތާ ތިއްބާ ހޯދަޑު ސާފިންގައި އުޅޭ ވިއާމު (ޖޭޑީ) އާއި ޒަޔާން (ބެނެޓޭ)، ދެކުދިން ވެގެން އެސަރަހަދަށް އެރިގެން އެމީހުން އެއްގަމަށް ގެނައީކަމަށް ވެއެވެ.
ފުވައްމުލަކުގެ ވަށައިގެންވާ ސަރަހައްދުގެ އެކި ހިސާބުތަކުގައި ނާއިބު ރައީސް ފައިސަލް ނަސީމުގެ ފައިސަލް ފައުންޑޭޝަނުން ވަނީ ކުރިން ލައިފްގާރޑް ރިންގްތަކެއް ބަހައްޓާފައެވެ. އެގޮތުން ބަހައްޓާފައިވާ ރިންގުތަކުގެ ބޭނުން ހިފައި ދަމައިގެން ދިޔަ 2 މީހަކު ސަލާމަތް ކުރެވިފައިވާކަން ވަނީ އެނގިފައެެވެ.
މިއަދު މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިން ކަމުގެ މެޑެލް ޔަޒީލް އަހުމަދަށް ދިނުމަށް އަލީ ޝަރީފު ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ސިޓީ ކައުންސިލްގެ މޭޔަރަށް ގޮވާލާފައެވެ. އަލީ ޝަރީފު ހާމަކުރި ގޮތުގައި މިއަދު އެސަރަހައްދުގެ އޮއި އޮތީ އެހާ ގަދަކޮށް ކަމަށާއި، އެހާލަތުގައި އެހާ ޖެހިލުން ކުޑަގޮތަކަށް އެތަނަށް އެރި، މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިންކަމީ އަގުވަޒަން ކުރަން ޖެހޭ ވަރުގެ ބޮޑުކަމެއް ކަމަށެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރަން ކެރޭވަރަސްވުރެ ބޮޑުކަމެއް ކަމަށެވެ.
އަލީ ޝަރީފު ހާމަކުރި ގޮތުގައި އެހާލަތުގައި ޔަޒީލުގެ ވިސްނުން ވެސް ވަރަށް ރަނގަޅު ކަމަށާއި، އެގޮތުން އޭނާ ރިންގު ހިފައިގެން މޫދަށް އެރުމާއި، އޮޔާއި ދެކޮޅަށް އެއްގަމަށް ފަތައި ގައިގެ ހަކަތަ ހުސްކޮށްލުމުގެ ބަދަލުގައި ވިސްނުންތެރިކަމާއެކު ސަލާމަތްވާނެ ގޮތަށް އަމަލުކުރި ތަން ހާމަވި ކަމަށެވެ.
ޚިޔާލުތައް
ނުލަފާބަޔަކު އެއިންބައެއްރިންގުވަނީ ވަގަށްނަގާފައި ފައިސަލު ފައުންޑޭޝަން ޝަނުން ނުވަތަސިޓީކައުންސިލުން އަލުން އެޕޮރޮގްރާމް ކުރިޔަށް ގެންދެވުންވުން ވަރަށް އެދެން