ސުޕްރީމް ކޯޓުން ބަރިބަރިއަށް ނެރެމުންދާ ހުކުމްތަކާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖުލީހުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު މެދު ދާއިރާގެ މަޖުލިސް މެމްބަރު ހުސޭނެ މުހައްމަދު ދީދީ ވިދާޅުވީ “އަޅުގަނޑުމެން މިއުޅެނީ މި ސުޕްރީމް ކޯޓުން ސަލާމަތް ނުވެގެން” ކަމަށެވެ. ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މަޖުލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސު ކުރުމުގެ ވަގުތުގައި ހުސޭން ފާހަގަކުރެއްވީ ޖުޑިޝަރީ އިސްލާހުކުުރުމަށް ވަގުތު ހޭދަކުރުން މާ މުހިންމު ކަމށެވެ.
“ފަނޑިިޔާރު އަބްދުﷲ ދީދީ ގެއަށް ދާށޭ، މަޑުކޮށްލާށޭ (ޖޭއެސްސީން) ބުނީމަ ހަމަ (ސުޕްރީމް ކޯޓަށް) ވަންނަނީ، އިރު އިރުކޮޅާ،.. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން ރައްޔިތުން މާ ބޮޑަށް އެދޭނެ” ކަމަށް އެމްޕީ ހުސޭން ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑު ވެސް ވަރަށް ކަން ބޮޑުވޭ! އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އެބަ އެދޭ ޖުޑިޝަރީ އިސްލާޙުކޮށް ދިނުމަށް. މިކަންތައް އަވަސް ކުރުމަށް. އަޅުގަނޑަށް އެސްއެމްއެސްތައް ވެސް އާދޭ، މިހާރު ވަނީ އެމްޑީޕީއަށް ސަރުކާރު ދީފައޭ، މަޖުލިސް ވެސް ދީފައޭ! އެކަންތައް ކޮށްދޭށޭ!” އެމްޕީ ހުސޭންގެ ކަންބޮޑުވުންތައް މިއަދުގެ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ހިއްސާކުރިއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލާގައި، ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ޖޭއެސްސީ އިން އޭނާ ސަސްޕެންޑު ކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ވަނީ ދެވަނަ ހުކުމެއް ވެސް ނެރެފައެވެ. އަދި އަބްދުﷲ ދީދީ ވަޒީފާއަށް ނުކުންނަ ކަމަށް ޑީޖޭއޭ އިން ވަނީ މީޑިއާއަށް ހާމަކުރައްވާފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމާއި ޖޭއެސްސީގެ އަމުރު ދިމާ އިދިކޮޅެވެ. އަދި މިމައްސަލާގައި ރައްޔިތުންގެ މަޖުލީހުގެ ޖުޑިޝަލް ކޮމެޓީން އިން ވަނީ ރިޕޯރޓެއް ތައްޔާރުކޮށް ހުށަހަޅައިގެން މަޖުލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ފާސްކޮށްފައެވެ.
ނަމަވެސް އަދި މިމައްސަލަ މަޖުލީހުގެ ރަސްމީ ޖަލްސާއަށ އެޖެންޑާ ކުރިކަމެއް އެގޭކަށް ނެތެވެ.
ޚިޔާލުތައް