ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 150 ފްލެޓު ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލާއި މިއަދު ހަވާލުކުރައްވައިފިއެވެ. މިއަދު ފުވައްމުލައް ސިޓީ ކައުންސިލްގައި ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓްތައް ހަވާލުކޮށްދެއްވީ ހައުސިން މިނިނސްޓަރ އާމިނަތު އާތިފާއެވެ. ހައުސިން މިނިސްޓަރުގެ މިދަތުރުފުޅުގައި އެމިނިސްޓރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފު ވެސް ބައިވރިވެވަޑައިގަތެވެ. މިނިސްޓަރު ވަނީ ފުވައްމުލަކުގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓްތައް ބައްލަވާލެއްވުމަށް ފަހު ސިޓީ ކައުންސިލާއެކު މަޝަވަރާ ކުރައްވާފައެވެ.
ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަކަށް އެ ހައުސިން ޔުނިޓްތައް ލިބޭ މީހުނާއި ހަވާލުކުުރުމަށެވެ.
ހައުސިން ޔުނިޓްތައް ސިޓީ ކައުންސލާއި ހަވާލުކުރެވުނު އިރު އެޔުނިޓުތައް އިމާރާތް ކުރެވިފަިވާ ގޮތާއި މެދު ރަށުގެ އާމުންގެ މަދުގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ދެބުރިއަށް ކޮންމެ ބައެއްގައި ފްލެޓެއް ގޮތަށް ހުރުމާއި، އިމާރާތުގެ އެތެރޭގެ ޖާގައިގެ ކުޑަކަމާއި ފުވައްމުލަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެ ޔުނިޓްތައް ނުފެތޭކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އިމާރާތް ނިމިފައި ވީކަމުގައިވިޔަސް ކުރިން އަޑު އިވިފައި ވަނީ އެތަނަށް ބޭނުންވާ ކަރަންޓް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަަމށެވެ. އެގޮތުން ރަށުގެ ކަރަންޓްގައި އެވަރުގެ ކެޕޭސިޓީއެއް ނެތްކަމަށް، ޑެޕިއުޓީ މޭޔަރު ޟިރާރު ވެސް ވަނީ މީޑީއާގައި ފާހަގަ ކުރައްވާފައެވެ. އަދި ރަށުގެ ފާޚާނާގެ ނިޒާމާއި އެފްލަޓްތަކާއި ގުޅުވާލެވިފައިވާ ކަމެއްވެސް އިނގިފައެއް ނުވެވެ. އަދި ފާޚާނާ ގުޅައިދެނީ ރަޖިސްޓްރީވެފައިވާ ގެތަކަށް ކަމަށް ވާއިރު އެތަންތަނުގެ ރަޖިސްޓްރީގެ ކަންތައްތައް އަދި ނިމޭނެ ކަމަށް ނުބެލެވޭތީ އެއީ ފަހަރުގައި އަދި ނުވެ އޮތް ކަމަކަށް ވެސް ވެދާނެއެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތަކުގެ އެތެރެ ބައްލަވާލައްވަނީ
މި ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފާއިތުވި ޑިސެމްބަރު މަހު އާންމުކޮށްފިއެވެ. މި 150 ފްލެޓަށް އެދި 205 ފަރާތަކުންވަނީ ކުރިމަތިލާފައެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ދެ ކެޓަގަރީގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަކުރެވުނު ކެޓަގަރީ އޭ ގައި ހިމެނޭ 120 ފްލެޓަށް އެދިފައިވަނީ 185 ފަރާތުްނނެވެ. އަދި ކެޓެގަރީ ބީގެ ދަށުން ފުވައްމުލަކު ސިޓީއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 20 ފްލެޓަށް އެދިފައިވަނީ 20 ފަރާތްކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވަފައި ވެއެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތައް ބޭރުން ބައްލަވާލައްވަނީ
ފްލެޓަށްް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލު އެއިދާރާގެ ސިޓީ ކައުނސިލްގެ ފޭސްބުކު ޕޭޖަށް އަޕްލޯޑް ކޮށް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުސަހެޅުމަށްހުޅުވާލި ފުރުސަތު ވަނީ ފާއިތުވި ޑިސެމްބަރ 27، 2018 ގައި ހަމަވެފައެވެ. އަކަމަށް އެއިދާރާއިން ހާމަކުރެއެވެ.
ޚިޔާލުތައް