މިއަހަރުން ފެށިގެން އެޗްއެސީ އަދި އެސްއެސްސީ އިމްތިހާނުގެ ގްރޭޑިން (ނަތީޖާ މިންކުރުން) އަށް އޭސްޓާރ ތައާރަފުކުރާ ގޮތަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން (ޑީޕީއީ) ހަމަޖައްސަވައިފިއެވެ. އެޑިޕާޓްމެންޓުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިބަދަލު ގެނައީ ރާއްޖޭއިން ހަދަމުންދާ ޖީސީއީ އޯލެވެލް އަދި އޭލެވެލް ގައި ވެސް ގްރޭޑް ކުރާ ގޮތާއި ރާއްޖޭގެ އިމްތިހާނުތަކުގެ ގްރޭޑިން އެއްގޮތް ކުރުމުގެ ގޮތުން ކަމަށެވެ.
މިއަހަރު އޮކްޓޯބަރު/ނޮވެމްބަރު މަހު އޯލެވެލް އާއިއެކު ބޭއްވޭ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހަދާއިރު އޭ ސްޓަރ ހިމެނޭނެ ކަމަށް ވެއެވެ. އަދި އަންނަ އަހަރު އޭލެވެލް އާއިއެކު ހަދާ އެޗްއެސްސީ އިމްތިހާނުގެ ނަތީޖާގައި ވެސް އޭސްޓާރ ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
އޭސްޓާރ ލިބޭނެ މާކްހަކީ %90 ން މަތި ކަމަށް ޑީޕީއީން ހާމަކުރައްވަމުން ވިދާޅުވީ އެއީ ކެމްބްރިޖް އޯލެވެލް ގައިވެސް ކަނޑައަޅާފައިވާ މިންގަޑު ކަމަށެވެ. ނަމަވެސް ކެމްބްރިޖް އޯލެވެލް މުޅިން އެގޮތަށް ނަތީޖާ ހަދާ ކަމަށް ބުރަ ނުވެވެނީ އެކި އަހަރުތަކުގައި އެކި މިނުން ގްރޭޑްތައް ދެމުން އަންނާތީއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުން ފެށިގެން އޯލެވެލް އަދި އޭލެވެލް ގަދަ 10 ހޮވާއިރު އޭސްޓާރ އަށް ޕޮއިންޓް ދޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. މިއީ އެގޮތުން ގެނައި ބަދަލެއް ކަމަށް ވެސް ބެލެވެއެވެ. މިއާއެކު 1 ވަނަ ހޯދާ ދަރިވަރުންގެ އަދަދާއި ގަދަ 10 ގައި ހިމެނޭނެ ދަރިވަރުން ގެ އަދަދު މަދުވެގެން ދާނެ ކަމަށް ބެލެވެއެވެ.
ފާޑުކިޔާ ބައެއް މީހުން ބުނާގޮތުން މިބަދަލު ގެންނަނީ މިހާރު ގަދަ 10 އަށް ހޮވޭ ކުދިންގެ އަދަދު ގިނަ ކަމުން، އެއަދަދު މަދުކުރުމަށެވެ. އަދި އޭލެވެލް 1 ވަނައަށް ދޭ ރައީސުލް ޖުމްހޫރިއްޔާގެ ސްކޯލަރޝިޕަށް ހޮވޭ ކުދިން މަދުކޮށް، އެކަމަށް ޚަރަދުކުރާ ފައިސާ މަދުކުރުމުގެ ގޮތުންނެވެ. މިފަހަކަށް އައިސް އޭލެވެލް 1 ވަނަ ހޯދައިގެން ކޮންމެ އަހަރަކުވެސް 10 ވަރަކަށް ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާގެ ސްކޯލަރޝިޕް، ދައުލަތުގެ ބަޖެޓުން ދެއެވެ.
ރައީސް އޮފީހާއި ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން އަންނަނީ މިސްކޯލަރޝިޕްގެ ފައިސާ ވެސް އެކިގޮތަށް ގަވާއިދު ހަދައި ކުޑަކުރަމުންނެވެ.
މިކަލް ނޫހާއި ކުރިން ވާހަކަ ދެއްކި އޭލެވެލް 1 ވަނަ ލިބުނު ދަރިވަރެއްގެ ބެލެނިވެރިޔަކު ނުރުހުމާއެކު ބުނެފައި ވަނީ “ދައުލަތުން ބޭކާރު ކަންކަމަށް ފައިސާ ޚަރަދުކުރާ މިންވަރު ކުޑަނުކޮށް، އަދި ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާ ކޮރަޕްޝަނަށް ގެއްލިގެންދާ ދިއުން ހުއްޓުވުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ދަރިން ކިޔެވުމުގެ ބުރަ މަސައްކަތުން ހާސިލުކުރި ސްކޯލަރޝިޕްގެ ފައިސާ އެކި ގޮތްގޮތުން، ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް އަންނަނީ ކުޑަ ކުރަމުން” ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މިހާރު ރައީސްގެ ސްކޯލަރ ޝިޕްގައި އެމްބީބީއެސް އަށް ވެސް ދާންޖެހެނީ މިތާ ކައިރި ގައުމުތަކަށް ކަމަށްވެެ. ކުރިން ދުނިޔޭގެ ބޭނުން ކޮންމެ ގައުމަކުން ކިޔެވޭގޮތަށް އޮތް ކަމަށެވެ.



ޚިޔާލުތައް