ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުވައްމުލަކު ދެކުނު ދާއިރާއަށް މެންބަރު އިންތިޚާބުކުރުމަށް ބާއްވާ އިންތިާޚބުގައި ވާދަކުރުމަށް މިފަހަރު ކުރިމަތިލީ ދެ އަންހެނުންނެވެ. އެއީ މަރިޔަމް ޒުނޭރާ އާއި ހަނީފާ އިބްރާހިމް އެވެ. ފާއިތުވި ޑިސެމްބަރު މަހު ބޭއްވި އިންތިޚާބުގައި މި ދެ މީހުން ވެސް ވާދަކޮށްފައެއް ނުވެއެވެ.
މި ނޮވެމްބަރު މަހު 16 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 4:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނެގުން ވެސް ވަނީ ބާއްވާފައެވެ.
ގުރުއަތުން ނަން ތަރުތީބު ކުރެވިފައި ވަނީ:
ކެންޑިޑޭޓް ނަމްބަރު 1 މަރިޔަމް ޒުނޭރާ
ކެންޑިޑޭޓް ނަމްބަރު 2 ހަނީފާ އިބްރާހިމް
މި އިންތިޚާބު މޮނިޓަރ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ މި ނޮވެމްބަރު މަހު 13 އާއި ހަމަޔަށް ހުޅުވާލާފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބީ މުއްދަތަކީ 3 އަހަރު ދުވަހެވެ. މިމަގާމަށް އަލުން އިއުލާން ކުރީ ކުރިން އެމަގާމުގަިއ ހުރި ހަސީނާ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ފުވައްމުލައް ސިޓީ އންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މިދައުރުގެ ރައީސާއަކީ އުތުރު ދާއިރާގެ އާސިފާ އިބްރާހިމް އެވެ.
އަންހެނުންގެ ތައްރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަކީ ގާނުނޫ ނަމްބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ 35 ވަނަ މާއްދާއާއި 57 ވަނަ މާއްދާގެ ދަށުން، އެ ދާއިރާއެއްގެ ކައުންސިލްގެ ދަށުން ހަރަކާތްތެރިވުމަށް އުފެއްދާ ކޮމެޓީއެކެވެ. އެގޮތުން ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ މަސައްކަތް ކުރާނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ދަށުނެނެވެ.
ޚިޔާލުތައް