ފުވައްމުލަކުގައި ދެވަނަ ފަހަރަށް ބަހުގެ ޚިދުމަތްދޭން މިއަދު ފަށައިފިއެވެ. މިފަހަރު ބަހުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އުފައްދާފައިވާ ސަދަން ލިންކު ކުންފުނީންނެވެ. އެމްޕީއެލް އިން އަންނަނީ ފުވައްމުލަކާއި އައްޑުއާއި ދެމެދު ފެރީގެ ޚިދުމަތް ވެސް ދެމުންނެވެ. މިއަދު ފެއްޓި ބަހުގެ ޚިދުމަތް (މިއަދުން ފެށިގެން) އެއް ހަފުތާއަށް ހިލޭ ދޭގޮތަށް ވަނީ ހަމަޖެހިފައިއެވެ. އޭގެ ފަހުން ބަސް ދަތުރަކަށް 10 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކުގައި ބަހުގެ ޚިދުމަތް ފެށުމާއިއެކު ރަށުގެ ބައެއް ހިސާބުތަކުގައި ބަސްހުއްޓިތައް ފާހަގަކޮށް ނިޝަން ޖަހާފައިވާ ތަން ފެނުނެވެ. ނަމަވެސް ބަސް ރޫޓުތައް އާއްމުންނަށް އެނގޭނެ ފަސޭހަ ގޮތެއް ގާއިމުކުރެވިފައި ނުވެއެވެ.
މިފަހަރު އެމްޕީއެލް އިން ބޭނުންކުރާ ބަހުގައި ދަތުރުވެރިންގެ ލަގެޖުވެސް އުފުލޭނެ ކަމަށް ވެއެވެ. ފުވައްމުލަކުގެ ބަސް ދަތުރުތަކަށް ގެނެސްފައި ވަނީ 32 މީހުގެ ޖާގައިގެ ދެބަހެވެ.
ފުވައްމުލަކުގެ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ އާބާދީގެ ގޮތުން ބޮޑު، މައިގަނޑު ދަތުރުތައް 4 ދިމާލަކުން އޮންނަ ރަށުގައި އެންމެ ދެބަސް ބޭނުންކޮށްގެން އެކަށީގެންވާ ބަހުގެ ޚިދުމަތެއް ނުދެވޭނެ ކަމަށް ބުނެ ކުރަމުންދާ ޝަކުވާއެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު ޖުނައިދު ވިދާޅުވީ އިތުރު ބަސްތަކެއް ފުވައްމުލަކަށް ގެނައުމުގެ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު އައްޑޫގައި ހުރި ބަސްތަކުގެ ތެރެއިން 32 މީހުންގެ ޖާގައިގެ 1 ބަސް ފުވައްމުލަކަށް ގެނައުމަށް ނިންމމާފައިވާ ކަމަށް ޖުނައިދު ވިދާޅުވިއެވެ.
“މީގެ އިތުރުން ސްކޫލް ކުދިން އުފުލަށް 15-17 މީހުންގެ ޖާގައިގެ ބަސްތަކެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން،” ޖުނައިދު މީޑިއާއަށް ވިދާޅުވި އެވެ.
ޖުނައިދު އިތުރަށް ވިދާޅުވި މިއީ އެމްޕީއެލް އިން ކުރާކަމެއް ނޫންކަމަށާއިމިކަމާއި އެމްޕީއެލް އާއ ގުޅުމެއް ނެތްކަމަށް ބުނެފައެވެ. އަދި ވިދާޅުވީ މިއީ ރައީސް އަބްދުﷲ ޔާމީނު ބޭނުންފުޅުވެގެން ކުރާކަމެއް ކަމަށެވެ.
ފުވައްމުލަކުގައި މިއަދު ބަހުގެ ޚިދުމަތް އިފްތިތާޙު ކުރުމަށް ބޭއްވި ކުޑަ ރަސްމިއއްޔާތަށް ފަހު ޕިޕީއެމްގެ މިސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އެކަމުގެ އުފަލުގައި ރަށުގައި ސައިކަލު ބުރެއްވެސް ޖަހާފައެވެ.
ޕީޕީއެމް ސަޕޯޓަރުންގެ ސައިކަލު ބުރަށް ފާޑުކިޔަމުން އިދިކޮޅު ސަޕޯޓަރުން ބުނަމުން ދިޔައީ މީއީ ގުއިނުފެންނަ ކާޅަށް ގުއި ފެނިގެން އުޅެނީ ކަމަށެވެ. މިއީ ފުވައްމުލަކަށް އާކަމެއް ނޫން ކަމަށާއި ކުރިން އެމްވީކޭއިން 4 ބަސް ގެނެސް ދުއްވިކަން ވެސް ނޭގުނީ ބާއެވެ.



ޚިޔާލުތައް