ބަންގި އާއި ޤަމަތާ ދެމެދު ހޭދަކުރާ ވަގުތު އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މި ގޮތަށް ކަނޑައަޅާފައިވަނީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުޤައްރިރު އަލީ ވަހީދު ސޮއިކުރައްވައި ނެރުއްވި ސަރކިއުލަރ އެއްގައިއެވެ.
ސަރކައުލާގައި ބުނެފައިވަނީ ފަތިސް ނަމާދު ބަންގިއަށްފަހު ޤަމަތާއި ދެމެދު 07 މިނިޓު ކަނޑައަޅާފައިވާ އިރު، ފަތިސް ނަމާދު ފިޔަވައި ދެންހުރި ނަމާދު ތަކުގައި ބަންގި އާއި ޤަމަތާއި ދެމެދު 5 މިނިޓު ހޭދަކުރުމަށް މިސްކިތްތަކުގެ އިމާމުންނަށް އެންގުމަށެވެ.
ސާރކިއުލާރަގައި ވާ ގޮތުގައި މި ގޮަތަށް ވަގުތު ކަނޑައެޅީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައިވެސް ބަންގި އާއި ޤަމަތާ ދެމެދު ހޭދަކުރާ ވަގުތު އެއް މިންވަރެއްގައި ހިފެހެއްޓުމުގެ ބޭނުމުގައިއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ފޮނުއްވި އެ ސަރކިއުލަރ ގައި ބަންގި އާއި ޤަމަތާ ދެމެދު ހެދާކުރާ ވަގުތު މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް ލިޔުމަކުން އަންގައި ސޮއިކުރުމަށް ވެސް އަންގާފައިވެއެވެ.
ފުވައްމުލަކު ގިނަ މިސްކިތްތަކެއްގައި ބަންގި އަށްފަހު ނަމާދު ކުރުމާއި ދެމެދު ފަތިސްނަމާދަށް 15 މިނިޓް އަދި އެހެން ނަމާދުތަކަށް 10 މިނިޓް އާންމުގޮތެއްގައި ދެމުން ގެންދެއެވެ.
އިސްލާމިކް މިނިސްޓްރީ އިން މިގޮތަށް އަމަލުކުރުމަށް ކަނޑައެޅުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު އަބްދުލް ލަތީފު ބުނެފައިވަނީ އެ ސަރކިއުލަރ ގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކޮއްފިނަމަ ރަވާތިބް ސުންނަތް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދާނެކަމަށެވެ.
“ބަންގި އާއި ޤަމަތާއި ދެމެދުގައި ސުންނަތުގެ 4 ރަކުއަތް 5 މިނިޓު ތެރޭގައި ކުރުމަކީ ފަސޭހަ ކަމެއް ނޫން” ޑރ އިޔާޒް ވިދާޅުވިއެވެ
ދީނުގެ މިފަދަ ކަންކަމުގައި ގޮތް ނިންމާއިރު، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކުގެ އަނގަ ބަންދުކުރުވަން ނޫޅޭ، އެ ފަރާތްތަކާއި މަޝްވަރާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައިވެއެވެ.



ޚިޔާލުތައް